އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅުވައިދޭ ބްރިޖްގެ ޕރިމިލިނަރީ މަަސައްކަތްތައް ކުރުމަށް ދަ އަރަބް ކޮންޓްރެކްޓަރސްއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްވަސްވުމުގައި ސޮއި ކޮށްފައިވަނީ، އައްޑޫ އަތޮޅު މަދަރުސާގައި, އެރަށުގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގެ ދަށުން، ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިން ތައްޔާރުކޮށް, ފީސިބިލިޓީ ސާވޭއާއި އެހެނިހެން ގުޅުންހުރި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުالله މުއްތަލިބް އެވެ. އަދި ދަ އަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެކެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫއާއި ހިތަދޫ ގުޅުވާލާ ބްރިޖްގެ މަސައްކަތުގެ ޕްރިމިލިނަރީ މަސައްކަތް ހަވާލުކުރީ މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓަރސް" ކުންފުންޏާއެވެ. އެކުންފުނިން މިމަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރީ ފާއިތުވި ޖެނުއަރީ މަހުއެވެ. އެކުންފުނިން ބްރިޖްގެ ސަރވޭ މަސައްކަތްތައް އަގަކާއި ނުލައި ކޮށްދޭނެކަމަށް ބުނެފައި ވެއެވެ.
އަދި އެކުންފުނީގެ ޚަރަދުގައި ސާވޭގެ މަސައްކަތް ކޮށްދެއްވާތީ ރައީސް ވަނީ އެކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ. އަދި ރައީސް ވިދާޅުވީ މިއަހަރު ބުރިޖްގެ މަސައްކަތް ފެށި، އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ބުރިޖްގެ މަސައްކަތް ނިންމާލެވޭނެކަމުގައެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވަނީ މި ފަސްއަހަރުގެ ތެރޭގައި އައްޑޫ ހިތަދޫއިން ހުޅުމީދޫއަށް އަދި ތިނަދޫއިން ކާޑެއްދޫއަށް ބުރިޖަކުން ގުޅުވާލާނެ ކަމަށް ވައުދުވެފައެވެ.
އެގޮތުން ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގައި 23 ކިލޯމީޓަރު ހުރެއެވެ. އަދި ތިނަދޫ އާއި ކާޑެއްދުއާ ދެމެދު 4.4 ކިލޯމީޓަރު ހުރެއެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ޕްލޭނިން މަސައްކަތް ހަފްތާ 14ގައި ވަނީ ހިމަނާފައެވެ. އަދި އެމަސައްކަތަށް ބަޖެޓުގައި 30 މިލިއަން ހިމަނާފައި ވެއެވެ.
އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫއަކީ އެންމެ ފަހު މަންޒިލެވެ. ރައީސް ހުޅުމީދޫއަށްފަހު ދެން ވަޑައިގަންނަވާނީ ފުވައްމުލައް ސިޓީއަށެވެ. އަދި އޭގެ ފަހުގައި ހުވަދު އަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ ރަށްތަކަށް ރައީސް ވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ