ކަސްޓަމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑެޕިއުޓީ ކޮމިޝަނަރަށް އަންހެން ބޭފުޅެއް

ކަސްޓަމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑެޕިއުޓީ ކޮމިޝަނަރަށް އަންހެން ބޭފުޅެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ފާތުމަތު ދިޔާނާ އައްޔަން ކުރައްވައިފިއެވެ.

ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިޔާނާ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ.

މިއީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު މާޒީގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެެއް މިމަގާމަށް އައްޔަނުކުރެވުނު ފުރަތަމަ ފަހަރެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ގައުމުގެ ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމާއި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އަދި ތަންފީޒީ އިދާރާތަކުގެ ހިންގުމުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަން ކުރެވުނު ފަހަރަށް ވުމާއެކު، މިއީ ކަސްޓަމްސްގެ އިތުރުން ތަންފީޒީ އެހެން އިދާރާތަކުގެ ހިންގުމުގައި ވެސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ތަފާތު ކުރުމެއް ނެތި ޝާމިލް ކުރުމަށް ތަނަވަސްވެގެން ދިޔަ ފުރުސަތެއް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްގެ ހިދްމަތުގައި 23 އަހަރު ފުރިހަމަކުރައްވާފައިވާ ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ. މިވަގުތުދިޔާނާގެ އިތުުރުން ކަސްޓަމްސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި އިތުރު ދެބޭފުޅުން ތިއްބަވައެވެ. އެއީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ވަހީދު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *