އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި "އިސްރަށްވެހިންގެ ނާދީ" މިއަދު ހުޅުވައިފިއެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި ހެދި މި ނާދީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަރުކަޒް ތަރައްގީކޮށްފައި ވަނީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ބެހޭ ވުޒާރާއިން ހަފްތާއަކު ތިން ދުވަހު ކަސްރަތު ޕްރޮގްރާމެއް ހިންގުން، ހަފްތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމް، ޗެސް، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުން، އަދި މީގެ އިތުރުން އިސްރަށްވެހިންގެ ތެރެއިން ކޯޗުންގެ ތަމްރީން ފުރިހަމަ ކުރެވޭ ގޮތަށެވެ.
މީގެ އިތުރުން ޔޫތު އެމްޕަވަރމެންޓް، އިންފޯރމޭޝަން އެންޑް އާރޓްސް އާއި ބެހޭ ވުޒާރާއިން، ނަފްސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށްޓަކައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކާއި ފެހުމާއި އެހެނިހެން ކުރު މުއްދަތުގެ ކޯސްތައް އަދި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހައިޑްރޯ ތެރެޕީ، އިށީންދެގެން އިނދެ ކުރާ ކަސްރަތު އަދި ބެލެންސް ޓްރެއިނިން ކްލާސްތައް އައިޖީއެމްއެޗް ގެ ފަރާތުން މި މަރުކަޒުގައި ހިންގާނެއެވެ.
އެންސްޕާއަށް ހުށަހަޅަން ބޭނުންވާ ފޯމުތައް ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހިދުމަތް ފޯރުކޮށްދިނުމަށް "ހެލްޕް ޑެސްކެއް" ގާއިމް ކޮށްފައި ވެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކުރަނީ މުޖުތަމައުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި އިޖުތިމާއީ ކަންކަމުގައި އިސްރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ މީހުންގެ ނަފްސާނީ، އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށް ދިނުމަކީ ވެސް މިފަދަ މަރުކަޒުތައް ގާއިމުކުރުމުގެ ބޭނުމެއް ކަމުގައި ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ގުރުއާނާއިބެހޭ މަރުކަޒު ހިންގަމުންދިޔަ އިމާރާތުގައި ހުޅުވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ގާއިމުކުރުމަށް ކެބިނެޓްގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވައިފައެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ހިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ގާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
One Response
ވަރަށް ރަގަޅު ކަމެއް. ވިހާވެސް އެކުވެރިކަމާއި އެކު ރައްޓެހިންނާއި އެކު އުޅެވޭނެ ސާފުތާހިރު މާހައުލަކަށް ހެދުން ވަރަށް މުހިއްމު.