އިންފްލުއެންޒާއަށް ޕޮޒިޓިވް ވީ ކުޑަކުއްޖަކު މިއަދު ނިޔާވެއްޖެއެވެ. އެނގިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ، އއ. ބޮޑުފުޅަދޫއަށް ނިސްބަތްވާ އުމުރުން 6 އަހަރުގެ އަންހެން ކުއްޖެކެވެ.
އެ ކުއްޖާ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެގެން އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.
މިއަހަރުގެ ޖެނުއަރީމަހު އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެހާތަނަށް 19 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވެއެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދެއްކި ގޮތުން މިއަހަރު ޖެނުއަރީއާއި ހަމައަށް އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވް ވެފައިވާ 18 މީހުންނާއި އިންފްލުއެންޒާ-ބީ އަށް ޕޮޒިޓިވް އެކަކު ހިމެނެއެވެ.
އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި، އިންފްލުއެންޒާ އޭގެ ތެރޭގައި އެޗް1އެން1 އަދި އެޗް3އެން2 ހިމެނެއިރު އިންފުލުއެންޒާ ބީގެ ތެރޭހައި ވިކްޓޯރިއާ ހިމެނެއެވެ.
ޑޮކްޓަރުން ވިދާޅުވެފައިވަނީ، މި ބަލި ކާރިސާއަކަށް (ޕެންޑަމިކްގެ ހާލަތަށް) ބަދަލުވެގެން ދިއުމަކީ ވަރަށް ނާދިރުކަމެއް ކަމުގައެވެ. އަދި ފުލޫޝޮޓް (މޫސުމީ އިންފުލުއެންޒާއަށް ދޭ ވެކްސިން) ދީގެ މި ބައްޔަށް ޕޮޒިޓިވް ވާމީހުންގެ ހާލަތު ގޯސްވިޔަ ނުދީ ފަރުޖެއްސޭނެކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ޑޮކްޓަރުން ވިދާޅުވެފައިވަނީ މި ވެކްސިން އާސަންދައިން ކަވަރު ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައެވެ.
އިންފްލުއެންޒާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ސައިބޯނި ލައިގެން އަތް ދޮވުން
- މީހުން ގިނައިން އުޅޭ ތަންތަނަށް ދިއުން މަދުކުރުން
- އިންފްލުއެންޒާ ވެކްސިން ޖެހުން
އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ނޭފަތުން ފެން އައުން، ގައިން ވަރުދެރަވެ، ބޮލުގައި ރިއްސާ، ގައިގަ އާއި ކަރުގަ ރިއްސުމުގެ އިތުރުން ކެއްސުން ހިމެނެ އެވެ. ޑޮކްޓަރުން ލަފާދޭ ގޮތުގައި ތިން ދުވަސް ވަސްދެން މި އަލާމާތްތައް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ.
އިންފްލުއެންޒާ ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ބަލި ޖެހިފައިވާ ނުވަތަ ރަނގަޅުވާ މީހުންގެ ތެރެއިން ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުންނެވެ. އާންމު ގޮތެއްގައި މި ބަލި ފެތުރޭނީ ބަލި ޖެހުމަށް ފަހު އެއް ދުވަސް ފަހުން، ފަސް ދުވަހާއި ހަތް ދުވަހާއި ދޭތެރޭގައި އެވެ. އެކަމަކު ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ގައިން އެއަށް ވުރެ ގިނަ ދުވަސް ފަހުންވެސް ބަލި އެރުމުގެ ފުރުސަތު ބޮޑެވެ.
ކޮމެންޓު ފޮނުވާ