ދިވެހި ފަންނާނުންނަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ "ފަންނީ އުފާ" އިވެންޓެއް އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީއިން ބުނީ ފަންނީ އުފާ ހަރަކާތްތަކަކީ ފަންނާނުންނަށް އެ މީހުންގެ ހުނަރު ދައްކާލައި، އޯޑިއަންސާ އޮންނަ ގުޅުން ބަދަހިކޮށް ދިނުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި މިއީ ފަންނާނުންނަށް އެ މީހުންގެ ހުނަރު ދައްކައިލަން ފަހިކޮށްދެވޭ އާ ޕްލެޓްފޯމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި އިވެންޓް އޮންނާނީ ސޯޝަލް ސެންޓަރުގަ އެވެ. މިއުޒިކީ ގިނަ ފަންނާނުންތަކެއް ވެސް ފެންނާނެ "ފަންނީ އުފާ" ހުކުރު ދުވަހު ބާއްވާނީ ދެ ދަންފަޅިއަކަށެވެ. އެއީ ހަވީރު 4:00-6:00 އަށް ރޭގަނޑު 8:30-11:00 އަށެވެ.
މި ޕްރޮގްރާމަކީ މުޖުތަމައުގައި މިހާރު ނެތުމުން އަންނަ ދިވެހި ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި އެކުވެރި އުފާވެރި މާހައުލެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
ޔޫތް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަށް ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބިގެންދާނޭ ކަމަށާއި ޒުވާނުންގެ ހުނަރު ދައްކާލުމަށް ވަރަށް ބޮޑު ޕްލެޓް ފޯމެއް ލިބިގެން ދިއުމުގެ އިތުރުން ޒުވާނުން އެއްތަނަކަށް އެއްވެލާ މަޖާ، ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ލިބިގެންދާނޭ ކަމުގައެވެ.
އެ މިނިސްޓްރީން ބުނީ އަމާޒަކީ "ފަންނީ އުފާ" ކޮންމެ މަހަކު އެއްފަހަރު ބޭއްވުން ކަމަށެވެ. އަދި މި އިވެންޓް މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ