ރައްޔިތުންގެ މަޖިލިސް ހިންގަންޖެހޭނީ ވަކި ގޮތަކަށްކަމަށް ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓަށް ނޭންގޭނެ ކަމަށާއި، އެހެންނަމަވެސް އެ ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން، މި މިވަގުތަށް މަޖިލިހުގެ ޖުމްލައަދަދަކީ 87 ކަމުގައި ބައްލަވަައިގެން މަޖިލިސް ކުރިޔަށް ގެންދަވާނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިމަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ ސުޕްރިމް ކޯޓުންވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބު އަޒުލް ކުރުން ފަސޭހަވާގޮތަށް މަޖިލިހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް އަމުރު ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު އިސްތިއުފާ ދީފައިވާ މެންބަރުން ނުގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހެކެވެ.
މި އިސްލާހާ ގުޅޭގޮތުން މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ ކޯޓުން މަޖިލީހުގެ މައްޗަށް މި އަމުރު ނެރުއްވާފައިވީ ނަމަވެސް އެ މައްސަލައިގައި ހިމެނޭ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފު ގަވާއިދެއްތޯ ކަނޑައަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން ސުޕްރިމް ކޯޓުގެ އަމުރާމެދު ކަންބޮޑުވުމެއް ނެތްކަމުގައި އަސްލަމް ވިދާޅުވިއެވެ. އަދި މިމައްސަލައާއި ގުޅޭގޮތުން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް އަސްލަމްވަނީ 1 ގަޑިއިރުގެ ފުރުސަތެއް އަރުވާފައެވެ.
އެހެން އެއްވެސް މުއައްސަސާއަކުން، އެހެން އެއްވެސް ބާރަކުން ރައްޔިތުންގެ މަޖިލީސް ހިންގާނީ މިވެނި ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެކަން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ނިންމަވާ ގޮތެއްގެ މަތިން.
އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން، މިވަގުތަށް އަމަލުކުރާނީ މަޖިލިހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ބައްލަވައިގެން ކަމުގައެވެ.
މި ކޯޓުގެ އަމުރަށް އިޚުތިރާމުކުރުމުގެ ގޮތުން މި ވަގުތަށް މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މަޖިލީހުގެ ޖުމުލަ އަދަދަކީ 87 ކަމުގައި ބަލަމުން އަޅުގަނޑު ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވާލަން.
އަސްލަމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ