ޕާކިސްތާނުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި، އެންމެ ގިނަ ގޮނޑި ލިބިފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއާ ގުޅިފައިވާ އަމިއްލަ މެމްބަރުންނަށްކަމަށް އިންތިޚާބުގެ އާންމުކުރަމުންދާ ނަތީޖާތަކުން ދައްކައިފިއެވެ.
ނަމަވެސް ތިން ފަހަރެއްގެ މަތިން ކުރީގެ ލީޑަރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް ވަނީ އޭނާގެ ޕާޓީ، ޕީއެމްއެލް-އެން އަކީ އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީކަމަށް ބުނެފައެވެ. މިއިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ.
ނަވާޒް ޝަރީފަކީ، ވެރިކަމުން ދުރުކުރުމަށްފަހު ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިންތިޚާބުގައި ވާދަކުރުން މަނާކުރުމާ އެކު ދެން ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެކަމަށް ގިނަބަޔަކު ދެކޭ ފަރާތެވެ.
މިއީ ޕާކިސްތާނުގައި، މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ތެރެއިން އެންމެ އިތުބާރުކުޑަ އިންތިޚާބުކަމަށާއި، ކުރީގެ އިންތިޚާބުތަކާ އަޅާ ބަލާއިރު ނަތީޖާ ނެރުންވެސް ލަސް އިންތިޚާބެއް ކަމަށް ގިނަ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
އިމްރާން ޚާންގެ ޕީޓީއައި ޕާޓީން ބުނީ އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން އިސް ލީޑާޝިޕާ މަޝްވަރާކޮށް، ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާ ހޮނިހިރު ދުވަހު ބައްދަލުކުރައްވާނެ ކަމަށެވެ.
ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީއަށް ލިބުނު ގޮނޑިތަކަކީ "ވަގަށް ނަގައި އޮޅުވާލާފައިވާ ގޮނޑިތަކެއް" ކަމަށް ޕީޓީއައި އިން ވަނީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބުނެފަ އެވެ. ޕީޓީއައި ޕާޓީ އުފެއްދެވި އިމްރާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން 2022 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ދުރުކޮށް، ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް ދަނީ ތަންފީޒު ކުރައްވަމުންނެވެ.
އިމްރާން ޚާން ވިދާޅުވަމުންދަނީ އޭނާގެ މައްޗަށް އުފުލާފައިވާ ގިނަ މައްސަލަތަކަކީ ސިޔާސީ މަގްސަދެއްގައި ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ