ދ.ހުޅުދެލި ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ބޭނުންވާ އިތުރު ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ހަލުކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ބަނދަރުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، މި މަޝްރޫޢު އަވަހަށް ނިންމުމަށްޓަކައި، އިތުރު ރިސޯސަސް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ. މި މަސައްކަތް ކުރުމަށް އެރަށު ފަޅުން ސާޅީސް ހާސް ފަސްސަތޭކައަށްޑިހަ ފަސް ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގެދަށުން އެރަށުގައި 432 މީޓަރުގެ ބަނދަރެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 277 މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެދަށުން ބަނދަރު ސަރަޙައްދުގެ ގޮންޑުދޮށް ޙިމާޔަތްކުރުމަށް 60 މީޓަރުގެ ގްރޮއީންސް ޖެހުމަށާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުންމަށްވެސް ވަނީ ހިމަނާފައެވެ.އަދި ބަނދަރުގައި ޕޭވްމަންޓް ހެދުމާއި އަދި ބަނދަރުގައި ލައީޓްޖެހުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި ޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 10 ޑިސެމްބަރ 2019ގައެވެ. 1 އަހަރު ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ 39.8 މިލިއަން ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ