ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރާއިއެކު ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު އަސަރެކުރި އެއް ޤައުމަކީ ރާއްޖެ ކަމަށާއި މިވަގުތަށް ކޮންމެހެން ހިންގުން މަޖުބޫރު ނޫން ބޮޑެތި މަޝްރޫޢުތަށް ފަސްކޮށްލުން މުހިންމުކަމަށް ވޯލްޑް ބެންކުން ލަފާދީފިއެވެ.
ކޯވިޑު-19ގެ ސަބަބުން ދެކުނު އޭޝިއާގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ވޯލްޑް ބެންކުން ނެރުނު ރިޕޯޓުގައި ބުނީ ރާއްޖޭގެ މުޅި އިޤްތިޞާދުގައި ޖީޑީޕީގެ 56.6 އިންސައްތަ ފަތުރުވެރިކަން ހިއްސާ ކުރާކަމަށެވެ. އަދި ވަޒީފާގެ ބާޒާރުގެ 59.6 އިންސައްތަވެސް ހިއްސާކުރަނީވެސް ފަތުރުވެރިކަމުގެ ދާއިރާގައި ކަމަށް މި ރިޕޯޓުގައި ބުނެއެވެ. އެހެންކަމުން ދައުލަތަށް ވަންނަ ޖުމްލަ އާމްދަނީގެ 48.5 އިންސައްތަ ވަންނަނީ ސީދާގޮތެއްގައި ފަތުރުވެރިކަމުންގެ ދާއިރާއިން ކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް އެސިނާޢަތުން ދައުލަތަށް ވަންނަ އާމްދަނީ 77.3 އިންސައްތަ ދައްވެ، ދައުލަތަށް ޖުމްލަ ވަންނަ އާމްދަނީ 75.6 އިންސައްތަ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދައްވެފައި ވާކަމަށް ވޯލްޑް ބެންކުގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އާމްދަނީ ދަށްވުމުގެ އިތުރުން ދައުލަތުން އެކި ކަންކަމަށް ކުރިން އަންދާޒާ ނުކުރާ ގިނަ ހަރަދުތަކެއް ކުރަން ޖެހުމުން އިޤްތިޞާދު "ބެލެންސުން" ކަޓާފައި ވާއިރު މިހާލަތުގައި ދަރަނީގެ ކަންތައްތައް މެނޭޖްކުރުމުގައި ރާއްޖެއަށް ހުރި ނުރައްކާތައް ކުޑަކުރުމަށް، ސަރުކާރުން ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
މުޅި އަހަރަށް ހަރަދު ކުރަން ކަނޑައަޅާފައި ވާ މިންވަރުގެ ގާތްގަނަޑަކަށް ދެބައިކުޅަ އެއްބައި އޯގަސްޓް މަހާ ހަމައަށް ރާއްޖޭން ވަނީ ހަރަދުކޮށްފަ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަޅާއިރު 2 އިންސައްތަ އިތުރު އަދަދެއް. ހަމަ މި މުއްދަތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީން ލިބިފައި ވަނީ އެންމެ 60 އިންސައްތަ
ވޯލްޑް ބެންކްގެ ރިޕޯޓުގައި ބުނެފައިވެއެވެ
ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ މަޝްރޫޢު ތަކުގެ ސަބަބުން މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ކެޕިޓަލް ހަރަދު 16.7 އިންސައްތަ އުފުލިފައި ވާކަމަށް ރިޕޯޓުގައިވެއެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ނަމަވެސް ފަތުރުވެރިކަމުން ކުރިން ލިބުނު ނަފާ އަލުން ހޯދަން އަދި ދުވަސްތަކެއް ނަގާނެތީ އާއި އިޤްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަކީވެސް ވަގުތުން ވަގުތަށް ކުރެވޭނެ ކަމަކަށް ނުވާތީ ވޯލްޑް ބެންކުން ލަފާދީފައި ވަނީ ދައުލަތުގެ ހަރަދުތަށް ކުޑަކުރުމަށެވެ.
ވަރަށް އަވަހަށް ނިންމަން ނުޖެހޭ، ބޮޑެތި ޕަބްލިކް އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓްތައް މަޑުޖައްސައިލުމަކީ މާލީ އަދި ދަރަނީގެ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކަލުން އަރައިގަތުމަށް އެހީއަކަށް ވާނެ
ވޯލްޑް ބެންކްގެ ރިޕޯޓުގައި ބުނެފައިވެއެވެ
މިއަހަރު ރާއްޖޭގެ ޖީޑީޕީ 19.5 އިންސައްތަ ދައްވާނެ ކަމަށް ވޯލްޑް ބެންކުން ލަފާކޮށްފައި ވާއިރު، ރާއްޖޭގެ އިޤްތިސާދު ހަމައަކަށް އެޅި ކުރީގެ ހާލަތަށް ރުޖޫޢަ ވާނެކަމަށް ލަފާކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރު ސަރުކާރުން ވަނީ 12 ލޯނެއް ނަގައިފަ އެވެ. މީގެ ތެރޭގައި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޯފިޑް) އާއި އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީޕީ) އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް އާއި އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމަންޓް ބޭންކް (އައިއައިއައިބީ) އިން ނަގާފައިވާ ލޯނުތައް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ތަންތަނުން ދެ ފަހަރަށް ވެސް ލޯނު ނަގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.