ގެދޮރު އެޅުމަށް ވަރަށް އަވަހަށް ލުއި ލޯން ހަމަޖެހޭނެ: ރައީސް

ގެދޮރު އެޅުމަށް ވަރަށް އަވަހަށް ލުއި ލޯން ހަމަޖެހޭނެ: ރައީސް

ރައްޔިތުން ގެދޮރު އެޅުމަށް ވަރަށް އަވަހަށް ލުއި ލޯން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ތ. މަޑިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދަައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށް ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގައި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް ދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަންކަން ކުރުމުގައި ލޯން ނަގަން ޖެހޭ ފަހަރު ލޯން ނެގުމާއި ހިލޭ އެހީ ހޯދުން ފަދަ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި އާއި ލޯންގެ ގޮތުގައި ލިބޭ ފައިސާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް، ޗައިނާ މެދުވެރިކޮށް ލުއި ގޮތެއްގައި ލޯން ލިބޭނެ އިންތިޒާމު ފަހިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުއްޓިފައި ހުރި ކަންކަމާއި އެއްވެސް ގޮތަކަށް ނުފަށާ ހުރި ކަންކަން އެބަހުއްޓެވެ. އެއީ ތަރުތީބު ކުރަން ޖެހޭ ކަންކަން ކަމަށާއި ކައުންސިލުން ރައްޔިތުންނާ މަޝްވަރާކޮށްގެން އިސްކަންދޭ މަޝްރޫއުތައް ކަނޑައަޅަން ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް އެޖެންޑާއަކީ ފަރުދުން މުއްސަނދި ކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރުގަދަ ކުރުން ކަމަށެވެ. އެކަން ކުރެވޭނީ ކައުންސިލްތައް ބާރުވެރި ކުރުވައި، ފުރުސަތު ދީގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގެ އިހްތިސާސް ތެރޭގައި ނުވަތަ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ރަށެއް ވިޔަސް، ހޯދައި އިގްތިސާދީ މަސައްކަތް ކުރުމަށް ތައްޔާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

އޭގެ ސަބަބުން ރައީސް ވިދާޅުވި ގޮތުގައި ފަރުދުން މުއްސަނދިވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް ވަރުގަދަވާނެއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މި ފުރުސަތުގެ ބޭނުން ހުރިހާ ކައުންސިލްތަކުން ވެސް ހިފުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކަށް ފަހު، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ގެދޮރުގެ މައްސަލައަށް ކަމަށެވެ. ހައުސިން މައްސަލަ ހައްލު ކުރަން ވަރަށް ގިނަ މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން %5 އަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯން ދެވޭ ގޮތަށް މެނިފެސްޓޯގައި އޮތް އިރު، އިގްތިސާދީ ކަންކަން ހަރުދަނާ ކުރަމުން ދަނީ އެ ލޯން ދިނުމަށް މަގުފަހި ކުރަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ވަރަށް އަވަހަށް ލޯން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *