އާޚިރުގައި ރައްޔިތުން މިޖެހުނީ ރައީސް ޞާލިހަށް އެލަވެންސް ދޭން: ހީނާ

އާޚިރުގައި ރައްޔިތުން މިޖެހުނީ ރައީސް ޞާލިހަށް އެލަވެންސް ދޭން: ހީނާ

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 02:14
0

ވަޒީފާ ނެތް ރައްޔިތުންނަށް އެލަވެންސްދޭން ބުނި ސަރުކާރަށް އެންމެ ފަހުން އެލަވެންސް ދޭން މިޖެހުނީ ރައްޔިތުން ކަމުގައި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ތެރޭގައި އެކިއެކި ޖޫރިމަނާގެ ގޮތުގައި 1 ޖެނުއަރީ އިން 10 ޑިސެމްބަރުގެ ނިޔަލަށް ސަރުކާރަށް 135.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ވަނީ ދައްކާފައެވެ. ފިނޭންސް މިނިސްޓްރީގެ މި ހިސާބުތަކަށް އިޝާރާތްކޮށް ހީނާ ވިދާޅުވީ ރައީސްގެ ވައުދު ފުއްދަން މިއަދު ސަރުކާރަށް އެލަވެންސްދޭން ޖެހިފައިވަނީ އާންމު ރައްޔިތުންނަށް ކަމަށެވެ. ކޯވިޑްގެ ދަތި ހާލަތުގައިވެސް މިހާބޮޑު އަދަދަކުން ރައްޔިތުންގެ އަތުން ފައިސާ އަތުލުމަކީ ރައްޔިތުންނަށް ދޭ އިތުރު ނިކަމެތި ކަމެއްކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ވަޒީފާ ނެތް ކޮންމެ ރައްޔިތަކަށް އެލަވެންސްދޭން. އާޚިރުގައި ރައްޔިތުން މިޖެހުނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެލަވެންސް ދޭން.

– ހީނާ ވިދާޅުވިއެވެ.

ދައުލަށް ލިބިފައިވާ މި ފައިސާ ތަކަކީ ޓްރެފިކް ޖޫރިމަނާ އާއި، ކޯވިޑު-19 އާއި ގުޅިގެން ކުރެވުނު ޖޫރިމަނާތައް ފަދަ ޖޫރިމަނާތަކުން ސަރުކާރަށް ލިބުނު ފައިސާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް ޖޫރިމަނާގެ ގޮތުގައި 220.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރު ލިބުނު މިންވަރު މަދުވެފައި ވަނީ ކޯވިޑު-19 ގެ ސަބަބުން މާލެ ސަރަހައްދު ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 169.7 މިލިއަން ރުފިޔާއެވެ.

ކޯވިޑް-19 އާއި ގުޅިގެން ފުލުހުން މާލެ ތެރޭގައި ކުރާ ޖޫރިމަނާތައް ހުއްޓާލުމަށް ސަރުކާރަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުންވެސް ވަނީ މަޖިލީހުގައި ގޮވާލާފައެވެ. ނަމަވެސް ފުލުހުން މިކަން ކުރަމުންދަނީ އާމްދަނީ ލިބޭނެ ގޮތްތައް ހުސްވެ، ރައްޔިތުންގެޖީބު ހުސްކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.