ކޯވިޑް ވެކްސިން އެންމެ ފުރަތަމަ ލިބެންޖެހޭނީ ޓުވަރިޒަމް ދާއިރާގެ މުވައްޒިފުންނަށް: ނިހާދު

ކޯވިޑް ވެކްސިން އެންމެ ފުރަތަމަ ލިބެންޖެހޭނީ ޓުވަރިޒަމް ދާއިރާގެ މުވައްޒިފުންނަށް: ނިހާދު

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 01:51
0

ކޯވިޑް-19 ގެ ވެކްސިން އެންމެ ފުރަތަމަ ލިބޭ މީހުންގެ ލިސްޓަށް ރާއްޖޭގެ އިޤްތިޞާދުގެ މައިލޭނާރު ކަމުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވަޒިފުން ހިމަނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖަހަން ފަށާނެކަމަށް ޤައުމީ ވެކްސިން ޕްރޮގްރާމުގެ ހެޑް، ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވަނީ ވިދާޅުވެފައެވެ. ކޯވިޑް ވެކްސިން ލިބުމުން ވެކްސިން ޖަހަން ކަނޑައަޅާ ލިސްޓުގައި ޓުވަރިޒަމް ދާއިރާގެ މުވައްޒިފުން ހިމަނަން ޖެހެނީ އިޤްތިޞާދީ މި އަދަވަޅުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ރިސޯޓުތަކުގެ މުވައްޒިފުންނަށް ވުމުންކަމަށް ނިހާދު ވިދާޅުވިއެވެ. އެގޮތުން ކޯވިޑްގެ މި މުއްދަތުގައި މުވައްޒިފުންނަށް ގެއްލިގެންދިޔަ ވަޒީފާތަކާއި، މުސާރަކަށް އިޔާދަކޮށް ދިނުމަށް ނިހާދުވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ނިކަން މިގޮތަށް ނުކުރާ ފަރާތްތަކާއިމެދު ކަމާއި ބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ނިހާދުވަނީ ގޮވާލާފައެވެ.

ނިހާދު މިފަދަ ގޮތަކަށް ގޮވާލާފައިވާއިރު އިޤްތިޞާދު ހިންގަން ކުރީސަފުގައި ތިބި މީހުން ކޯވިޑް-19 ގެ ރޯގާ ހަންމަތަ ލިސްޓުުގެ ކުރިއަށް ލާންޖެހޭ ކަމުގައި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްވެސް ވަނީ ވިދާޅުވެފައެވެ.

ޤައުމީ ވެކްސިން ޕްރޮގްރާމްގެ މެންބަރު ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ދިނުމުގެ މަސައްކަތް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށްވުމުން އެކަމުގައި އިސްކަންދޭނެ ވަކި ތަރުތީބެއްވެސް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ކޯވިކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތައަށް ހިލޭ ލިބޭ ވެކްސިންގެ ތެރެއިން 3 އިންސައްތަ ޚާއްޞަކޮށްފައިވާނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކަމަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ދަނީ ވަމުންނެވެ. އެގޮތުން ޤައުމީ ފެންވަރުގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި ވެކްސިން ރައްކާކުރާނެ ގޮތާއި ވެކްސިން ދޭނެ ގޮތް ރާވާ އިންތިޒާމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.