ސުންނީ ހަރުކަށި ފިކުރުގެ މީހުންގެ ބާރުއެޅުމާއެކު، ޕާކިސްތާނުގެ ފުލުހުން ލާހޯރުއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ ޕަންޖާބުގެ ސިޓީއެއް ކަމަށްވާ ދަސްކާގެ ދެ ގަބުރުސްތާނުގައި ހުރި މަދުވެގެން 80 މީހުންގެ މަހާނަތައް ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ހަލާކުކޮށްލައިފައިވާކަމަށް، ޕާކިސްތާންގެ މައިނޯރިޓީ ރައިޓްސް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ރިޕޯޓްކޮށްފިއެވެ.
ޕާކިސްތާނުގެ ބައިމަދު މައިނޯރިޓީ އަހުމަދީންގެ ބުނެފައިވަނީ، މަހާނަތައް ހަލާކުވި ގަބުރުސްތާނުތަކުގެ ބައިތައް ކަމާބެހޭ ފަރާތްތަކުން އެމީހުންގެ މުޖުތަމައުއަށް ދޫކޮށް، ސުންނީ ސަރަޙައްދުތަކާ ވަރަށް ސާފުކޮށް ވަކިކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިތަންތަންނަށް ހިމާޔަތް ފޯރުކޮށް ދެވިފައި ނުވާކަމަށް އެމީހުން ބުނެފައި ވެއެވެ.
އަހުމަދީން ރިޕޯޓްކުރާ ގޮތުގައި ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ލަބްބައިކް ޕާކިސްތާނުން އެ ހަރުކަށި ފިކުރަށް ހިތްވަރު ދިނީ އަހުމަދިއްޔާ މުޖުތަމައުއާ ދެކޮޅުވެރިކަމަށް މަޝްހޫރު ދަސްކާގެ އެސިސްޓެންޓް ކޮމިޝަނަރު އަންވަރު އަލީ ކަންޖޫގެ އަމުރަށެވެ.
2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިތުރު 75 އަހުމަދީ މަހާނަތަކަށް ހަމަލާދިނުމަށް އަމުރުކުރީ ވެސް ހަމަ އޭނާގެ އަމުރަށެވެ.
އެމީހުންނަކީ ޣައިރު މުސްލިމުންގެ ގޮތުގައި ދެކޭތީ، އަހުމަދީންނަށް އެމީހުންގެ އަޅުކަންކުރާ ތަންތަނާއި މަހާނަތަކުގައި މުސްލިމުންގެ ނިޝާންތައް ބޭނުންކުރުން މަނާކުރާ އިރު، 1984 ވަނަ އަހަރުގެ ކުރިން އިމާރާތްކުރި އަހުމަދީ ގަބުރުސްތާނުތަކާއި މިސްކިތްތައް، ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން އިމާރާތްކޮށްފައިވާ މިސްކިތްތައް އެގޮތުގައި ޖެހޭ ކަމަށް ޕާކިސްތާންގެ ކޯޓުގެ ނިންމުންތަކުގައި ބުނެފައިވެ އެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން ދަސްކާގެ އަހުމަދީ ޖަމާއަތުގެ މަހާނަތަނުގައި ކަޅުކުލަ ލާ އަދި ހަލާކުކޮށްފައިވަނީ އެތަންތަނަކީ 1984 ވަނަ އަހަރަށް ވުރެ ކުރިން ހަދާފައިވާ ތަންތަންތޯ ބެލުމެއް ނެތި އެވެ.
މިއީ ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ދެ ހަފުތާ ކުރިން ހިނގި ހާދިސާއަކަށްވާއިރު، ދީނީ މައިނޯރިޓީ ގުރޫޕްތަކުން ވަނީ ހުރިހާ ފަރާތްތަކަކަށް ވެސް އެމީހުންނަށް ތަފާތުކުރާމާއި އަނިޔާގެ މައްސަލަ ހައްލުކުރުމަށް އިލްތިމާސް ކޮށްފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ ދަސްކާގެ ފުލުހުންގެ ފަރާތުން ފެންނަނީ ވަރަށް ނޭދެވޭ އަމަލުތަކެއް ކަމަށާއި، މިއިން ދޭހަވަނީ ކޮންމެ ބަޔަކު އިންތިޚާބު ކާމިޔާބު ކުރިޔަސް ނަފްރަތުގެ ކެމްޕޭންތައް ކުރިއަށް ގެންދާނެ ކަމެވެ.
ކޮމެންޓު ފޮނުވާ