ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެ ޕީޖީ ޝަމީމަށް ދެ މީހަކު މަގުމަތިން ހަމަލާ ދީފައިވަނީ ދުރާލާ ރާވައިގެންކަމަށް ބެލެވޭ ކަމަށާއި، އަދި ހަމަލާ ދީފައިވަނީ ޝަމީމަށް ފޯރުކޮށްދެމުން އައި ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައިވަނިކޮށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝަމީމަށް ދިން ހަމަލާއާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝުޖާއު ވިދާޅުވީ ތަންކޮޅެއް ކުރިން، ހިގަމުންދިޔަ މައްސަލައަކާއި ގުޅިގެން، ފުލުހުން ހެދި ސެކިއުރިޓީ އެސެސްމަންޓަކަށްފަހު ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދީފައިވި ނަމަވެސް، ކޯޓުގައި ކުރިޔަށްދިޔަ އެމައްސަލަ ނިމުމުން ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައި ވާކަމުގައެވެ.
އެހެންމަ އެގޮތަށް ދިޔަ ދުވަސްވަރެއްގައި މިހާދިސާ ހިނގާފަ ވަނީ.
ޝުޖާއު ވިދާޅުވިއެވެ.
އެހެންނަމަވެސް އޭރު ސެކިއުރިޓީ ފޯރުކޮށްދިނީ ކޯޓުގައި އޮތް ކޮންމެ މައްސަލައަކާ ގުޅިގެން ކަމަށް ޝުޖާއު ވިދާޅުވެފައެއް ނުވެއެވެ.
ޝުޖާއު ވިދާޅުވީ ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށާއި، ހަމަލާގެ ފަހަތުގައި އިތުރު ބަޔަކު ތިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައެވެ.
ޝަމީމަށް އިއްޔެ ބަޔަކު މަރުތޭލަކުން ވަނީ ހަމަލާދީ އަތް ޒަހަމްކޮށްލައިފައެވެ. ހަމަލާގައި އޭނާގެ ވައަތު އުޅަނބޮށިން ތިރިން ކަށިގަނޑުގައި ރެނދުލުމާ ގުޅިގެން އެ އަތުގައި ވަނީ ޕްލާސްޓަރު އަޅައިފައެވެ. އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.
"މިއަދު ހެނދުނު އަޅުގަނޑަށް ވަނީ ހަމަލާ ދީފައި. ވައަތުގައި ވަނީ ރެނދެއް ލާފައި. މިހާރު މި ހުރީ ގޭގައި އާއިލާއާ އެކު. މަސައްކަތާއި ދުވުމާއި ބައިސްކަލް ދުއްވުން އަދި ފެތުމަށް ދެން އެނބުރި އަންނާނީ މާ ވަރުގަދަކޮށް،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމަކީ ރަސްމީ މަސައްކަތުގެ އިތުރުން ވަރަށް ބޮޑަށް ދުވުމާއި ފެތުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ކޮންމެ ދުވަހަކު ހެން ގަވައިދުން މަގުމަތީގައި ދުވަން ނުކުންނަވާ ބޭފުޅެކެވެ.
ޝަމީމަށް ހަމަލާ ދިނީ ވެސް މިއަދު ފަތިހު ދުވަން ނުކުމެ އުޅުއްވުމަށް ފަހު ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެޔަށް ވަޑައިގަތް ވަގުތެވެ.
ޝަމީމަށް ހަމަލާ ދިން މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. ޝަމީމްގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފުން މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ