ރާއްޖެއިން ބޭރުން މާލެ އަންނަ ދިވެހިން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަދައިފި

ރާއްޖެއިން ބޭރުން މާލެ އަންނަ ދިވެހިން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަދައިފި

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 10:42
0

ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެއަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭކަމަށް އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން މިއަދު ވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެގޮތުން ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެއަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭގޮތަށް ނިންމައިވީނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދިހަ ދުވަހުގެ މުއްދަތަށް މާސްކު އަޅައިގެން އުޅުމާއި ގޭގައި އެކަހެރިވެ ތިބުން ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖެއިން ބޭރިން މާލެއަށް އަންނަ މީހުންގެ ތެރެއިން ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭނެ ކަމަށެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 (ދިހައެއް) ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ޓެސްޓްހަދައި ނަތީޖާ ނެގެޓިވް ވުމުންކަމަށެވެ. އަދި އަތޮޅުތެތޭރޭގެ ރަށްތަކަށާއި، ރިސޯޓްތަކަށް އަންނަ މީހުންނަށްވެސް މި މިނިްގަނޑު ބެލޭނެ ކަމަށެވެ.

މިއާއިއެކު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ލިބިގެން ކުރުމުއްދަތުގެ މަސައްކަތްތަކަށް ރިޒޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓުއަރިސްޓުންގެ ގޮތުގައި ރިޒޯޓުތަކަށް ޗުއްޓީއަށް ދަތުރުކުރާ ފަރާތަކުން ދަތުރަށް ފަށާއިރު 72 (ހަތްދިހަ ދޭއް) ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއަކާއެކު ދަތުރުކުރުމަށާއި، މިގޮތަށް ރިޒޯޓުތަކަށް ދަތުރުކުރާ ފަރާތްތަކަށް ހުރުމާއި ކެއުމުގެ ކަންކަން ރިޒޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ވަކިން ހަމަޖެހިފައިހުރުމާއި، މި އެޖެންސީން ކަނޑައަޅާފައިވާ ގައިޑްލައިންއާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް ޢަމަލުތައް ބެހެއްޓުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މި ގައިޑް ލައިނަށް ގެނައި ބަދަލުތަކާއިއެކު އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. 20 ގެ ކުރިން މާލެ ސަރަހައްދަށް އަންނަ ހުރިހާ އެންމެންވެސް 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.