ކޮޗިން ކާގޯފެރީން ގެނައި ސިމެންތިއާއިއެކު އެސްޓީއޯއިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ވިއްކާ ސިމެންތި އަގުހެޔޮކޮށްފައި މިވަނީ، އިންޑިއާގެ ކޮޗިންއާއި ރާއްޖެއާ ދެމެދު މިދިޔަމަހުގެ 26 ވަނަ ދުވަހު ފެށި ކާގޯ ފެރީގެ ޙިދުމަތާއެކު ސިމެންތި ޝިޕްމަންޓެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.
ކާގޯ ފެރީން ގެނައި ރެމްކޯ ސިމެންތި އެސްޓީއޯގެ ކުޅުދުއްފުށީ ފިހާރައިގައި މިހާރު ވިއްކަން ފަށާފައިވާއިރު ސިމެންތީގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. ކުރިން 106 ރުފިޔާއަށް ވިއްކި ސިމެންތި މިހާރު ލިބެންހުރީ 90 ރުފިޔާއަށެވެ. މިއީ 16 ރުފިޔާގެ ހެޔޮވުމެކެވެ.
ކޮޗިން ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.
ކާގޯ ފެރީން ގެނައި މުދަލުގެ އަގުހެޔޮވި އަނެއް ސަބަބެއްކަމަށް އެސްޓީއޯއިން ވިދާޅުވީ، މާލެ ގެނައުމުގެ ބަދަލުގައި ކޮޗިންއިން ކުޅުދުއްފުއްޓަށް ގެންނައިރު ދަތުރުގެ ދިގުމިން ކުޑަވުމުގެ ސަބަބުން ބޯޓުތަކުން ނަގާ އަގުވެސް ކުޑަވުމުންކަމަށެވެ. އެސްޓީއޯއިން ވިދާޅުވީ، ކުރިއަށްއޮތް ތަނުގައިވެސް އެސްޓީއޯގެ ވިސްނުމަކީ ކާގޯ ފެރީން މުދާ ގެނެސް އުތުރުގެ ސަރަހައްދުތަކުގައި އަގުހެޔޮކޮށް ވިއްކުންކަމަށެވެ.