ރާއްޖޭގެ މިއަދުގެ ހާލަތު އޮތް ގޮތުންނާއި، ޤައުމުގެ މުސްތަޤުބަލަށް ވަމުންދާ ގޮތަށް ދީއްލާލައި ރައީސް ޔާމީން ޖަލުގައި ބޭއްވުމަކީ މިއަދު ދިވެހި ރައްޔިތުންނަށް އޮތް ޗޮއިސްއެއް ނޫންކަމުގައި އެމަނިކުފާނު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލުޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް އިތުރު މަސައްކަތްތަކެއްކޮށް ދިވެހި ރައްޔިތުން އެކީ ނިކުމެ އެމަނިކުފާނު މިނިވަން ކުރަންޖެހޭ ކަމަށެވެ. ޤާނޫނީ އިމުގެ ތެރެެއިން ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކޮށް، ދާންޖެހޭ ހުރިހާ ތަނަކަށް ގޮސްގެންވެސް އެމަނިކުފާނު މިނިވަން ނުކޮށް މިޤައުމު މިހާރު އޮތް ހާލަތުން އަރައި ގަތުމަކީ ވާނެކަމެއް ނޫންކަމަށެވެ.
މިސަރުކާރުގެ ނާޤާބިލުކަމާއި މިސަރުކާރުގެ ނުކުޅެދުންތެރިކަން ހުރި މިންވަރު މިއަދު ނޫސްތަކުގެ ހެޑްލައިންތަަކަށް އެކަނި ބަލައިލުމުންވެސް ހާމަވާކަމަށް ސައީދު ވިދާޅުވިއެވެ. ރާއްޖޭގެ ބިންތަކާއި ފަޅުތަކާއި، ހަރު މުދާތައް ވިއްކައި ހުސް ކުރަމުން ގޮސް މިއަދު އަޑު އިވިގެންދަނީ މަރުވެގެންދާ އޮތް ފަސްގަނޑުވެސް ވިއްކާލަން މަސައްކަތް ކުރާ ވަހަކަ ކަމުގައި ސައީދު ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެންނަށް މިއަދު އިވެނީ މަރުވެގެން ދާން އޮތް ކައްވަޅުވެސް ބޭރުގެ ޤައުމުތަކަށް ދޭން އުޅޭވާހަކަ. ދެމުން ދެމުން ގޮސް މިމީހުން ނުދޭނެ އެކައްޗެއްވެސް މިޤައުމުގައި ނެތް. އެއްވެސް ރައްޔިތަކު އުންމީދު ނުކުރާނެ މިމީހުން މިކަން ކޮށްފާނެކަމަށް. މިއަދު ކައްވަޅުވެސް ދޫކޮށްލަނީ. ހެޔޮނުވާނެ މިމީހުންނަށް ޖާގަދީގެން ތިބޭކަށް.
– ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިއަދު އޮތް ހާލަތުން އަރައި ގަނެވޭނީ އެކަން ކުރަން އެގޭ ޤާބިލް ބަޔަކަށް ކަމަށެވެ. ރައީސް ޔާމީން މިޤައުމަށް ގެނެސް ދެއްވި ތަރައްޤީއާއި، ހޯދި ކުރިއެރުމަކީ މިސަރުކާރަށް އޭގެ ބޭނުންކުރަން ނޭގި ދަރަނިވެރި ވެފައިވާ ކަންކަމަށް މިއަދު ވެފައިވާކަމަށެވެ. އެމަނިކުފާނު ވެރިކަމުން ފައިބަމުން މިޤައުމުގެ ރިޒާވުގައި ބެހެެއްޓި ފައިސާތަކަށްވެސް މިއަދު ވީގޮތެއް ނޭގި ވަޔަށް އަރައިގެން ގޮސްފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިސަރުކާރަކީ އެއްވެސް ޤާބިލުކަމެއް ނެތް، ނާހުޒީބު ސަރުކާރެއްކަމަށެވެ. މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނާނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައިކަމަށެވެ. ރައްޔިތުންތިބޭ ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާސް އަތުޖެހޭނެ ދުވަހެއްގެ އިންތިޒާރުގައިކަމަށެވެ.
ކޮމެންޓު ފޮނުވާ