އަތޮޅުތެރޭގެ ހަރަކާތްތައް ފެށުމުން ހަޖަމެއްނުވި، މެޓްރިކްމޯޑު ފަހަތައް ނުޖެއްސޭނެ: ޝުޖާ

އަތޮޅުތެރޭގެ ހަރަކާތްތައް ފެށުމުން ހަޖަމެއްނުވި، މެޓްރިކްމޯޑު ފަހަތައް ނުޖެއްސޭނެ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 09:26
0

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންއާއި، އިދިކޮޅު އިސްބޭފުޅުން މާލޭ ބަންދުގައި ބައިތިއްބައިގެން މިސަރުކާރަށް އަތޮޅު ތެރޭގެ އިދިކޮޅު ހަރަކާތްތައް ނުހުއްޓުވި ގޮތް ހުސްވުމުން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްކަށް ބިރު ދެއްކުމުގެ މަސައްކަތް މިސަރުކާރުން ފަށާފައިވާކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ރަށު ބަންދުގައި މުޅި އިދިކޮޅު ލީޑަޝިޕް ބާއްވައިގެންވެސް މިސަރުކާރަށް އަތޮޅު ތެރޭގެ އިދިކޮޅު ހަރަކާތްތައް ނުހުއްޓުވުނުކަމަށެވެ. މިއަދު މާލެއަށްވުރެ ފުޅާކޮށް އަތޮޅު ތެރޭގައި ސިޔާސީ ހަރަކާތް ފުޅާވެ ރައްޔިތުން ތިބީ ކައުންސިލް އިންތިޚާބުގައި މިސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ތައްޔާރަށް ކަމަށެވެ.

ޝުޖާ ވިދާޅުވީ މިސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް އަތޮޅު ތެރޭގައި ތިއްބެވި އިދިކޮޅު ހަރަކާތްތައް ލީޑް ކުރައްވާ ބޭފުޅުން ފަހަތަށް ނުޖެއްސޭނެކަމަށެވެ. ޚާއްސަކޮށް މިރޭ ބިރުދެއްކުމަށް ދައުވާ ކުރަން ފޮނުވުނު މެޓްރިކްސް މޯޑަކީ ސިޔާސީ ގޮތުން ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ބޭފުޅެއް ނޫންކަމަށެވެ. މިއަދު އައްޑޫގައި މޯޑުގެ ހިތްވަރާއިއެކު އެމްޑީޕީ ބަލިކަށިވެ ޕީޕީއެމްގެ ސަފުތައް ވަރުގަދަވާކަމީ މިސަރުކާރަށް ހަޖަމްކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އަޅުގަނޑު ދަންނަވާނީ މެޓްރިކް މޯޑަކީ މިސަރުކާރުން ދައްކާ ބިރަކަށް ފަހަތް ޖެހޭނެ މީހެއް ނޫނޭ. މިސަރުކާރަށް މިއުޅެނީ މިއަދު އަޅުގަނޑުމެން ރަށު ބަންދުކޮށްގެންވެސް އަތޮޅު ތެރޭގެ ހަރަކާތްތައް ފެށުމުން އެކަމަށް ހަޖަމް ނުކުރެވިގެން. އަޅުގަނޑުމެންގެ ހަރަކާތްތަކެއް ނުހުއްޓޭނެ. މިސަރުކާރު ބޮޑުތަނުން ކައުންސިލް އިންތިޚާބުގައި ބަލިކުރާނަން.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ މިހަފްތާގެ ބްރާސްފަތި ދުވަހުރޭ ފުވައްމުލަކުގައި އިދިކޮޅު ބޮޑު ޖަލްސާއެއް ބާއްވަން ރާވައި އިންތިޒާމު ކުރަމުންދާކަމަށެވެ. މިޖަލްސާގައި ބައިވެރުމަށް ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވުމަށް ބޭނުންވާތީ އެޗްޕީއަށް އިއްޔެ ސިޓީއަކުން ދަންނަވާފައިވާނެކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ޖަވާބު ނުލިބޭކަމަށާއި އުންމީދު ކުރަނީ މާދަމާ އެޗްޕީއޭއިން މިކަމަށް ހުއްދަ ދެއްވައި މިޖަލްސާގައި އިދިކޮޅުގެ ލީޑަރޝިޕަށް ބައިވެރިވެވޭނެ ގޮތް ވުންކަމަށް ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ އެޗްޕީއޭ ޓެސްޓް ކޮށްލަންވެސް ލިބިގެންދާ ފުރުސަތެއް ކަމަށެވެ. އަދި އުންމީދު ކުރަނީ ސަރުކާރުގެ ބޭފުޅުންނަށް އަތޮޅު ތެރެއަށް ދަތުރު ކުރަން ހުއްދަ ދޭފަދައިން އިދިކޮޅު ފަރާތްތަކަށްވެސް އެހުއްދަ ލިބިގެން ދިއުންކަމަށެވެ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.