ބޭރުގެ އެއްވެސް ގައުމެއްގައި އެހެން ގައުމެގެ ސިފައިން ސިއްރު އެއްބަސްވުމެއްގެ ދަށުން ނުތިބޭނެކަމަށްބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ ރައްދެއް ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާމެދު ކަންބޮޑުވެގެން ގިނަ ދިިވެހިން އުޅޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅިގެން ނަޝީދު ވިދާޅުވީ ގައުމުގެ ސަލާމަތަށްޓަކައި ބޭރު ސިފައިން ތިބުމަކީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދުުގެ މިވާހަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެހެން ގައުމެއްގެ ސިފައިން ސިއްރު އެއްބަސްވުންތަކެއްގެ ދަށުން ނުތިބޭނެކަމަށެވެ. އެއްވެސް ގައުމެއްގައި އެހެން ގައުމެއްގެ ސިފައިންނަށް ތިބެވޭނީ ބައިނަލް އަޤުވާމީ ރިޒޮލިއުޝަނެއްގެ ދަށުން ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރުވަނީ އޮޅުވާނުލެއްވުމަށް ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ދަންނަވާފަ އެވެ.
އޮޅުވާ ނުލެވޭނެ! އެހެން ޤައުމުތަކުގަ ބޭރު ސިފައިން ތިބެނީ އިންޓަރނޭޝަނަލް ރިޒޮލިޔުޝަނެއްގެ ދަށުން ނުވަތަ ފެންނަން އޮތް އެއްބަސްވުމެއްގެ ދަށުން. ސިއްރު އެއްބަސްވުމެެއްގެ ދަށަކުން ނޫން. ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އެމީހުންނަށް ކުރަމުން އަންނަ ޚަރަދު އޮޅުންފިލުވުމަށް އޮންލައިން ނޫހަކުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކޮށްފި ނަމަ މި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަަރާފާނެ ކަމަށެވެ.