ރައީސް މުއިއްޒު ވައުދުވެފައިވާ، ގދ. ތިނަދޫ އާއި ކާޑެއްދޫއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖް މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.
ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނު ބުނެފައިވަނީ ކޮންސަލްޓެންސީ މަސައްކަތަށް ދޭނީ ސޮއިކުރާ ތާރީހުން ފެށިގެން 45 ދުވަސް ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 ކަމަށް ވެސް އިއުލާންގައިވެއެވެ.
މި މަސައްކަތަށް ކުރިމަތިލާ މީހުންގެ މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުންނަ ޖެހޭއިރު، މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެއެވެ.
މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު މިހާރަށް ވުރެ ރައްކާތެރި ގޮތަކަށް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖައްސައިދީ، އެއް ރަށުން އަނެއް ރަށަށް މީހުންނާއި މުދާ ގެންދިއުމަށް ހޭދަވާ ވަގުތު ކުޑަކުރުމެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވަނީ މި ފަސްއަހަރުގެ ތެރޭގައި އައްޑޫ ހިތަދޫއިން ހުޅުމީދޫއަށް އަދި ތިނަދޫއިން ކާޑެއްދޫއަށް ބުރިޖަކުން ގުޅުވާލާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ