ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3″ ރާއްޖޭގައި ބަނދަރު ކުރިޔަސް އެ އުޅަނދު ރާއްޖޭގައި އެއްވެސް ދިރާސާއެއް ކުރިއަށް ނުގެންދާނޭކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާގެ އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރިނަމަވެސް އެ އުޅަނދަށް ހުއްދަ ދީފައިވަނީ ހަމައެކަނި އެއަށްބޭނުންވާ އަސާސީ ތަކެތި ލެބޭގޮތަށްކަށެވެ. އަދި އުޅަނދު ރާއްޖޭގައި އޮންނަ މުއްދަތުގައި އެއްވެސް ދިރާސާއެއް ކުރިއަށް ނުގެންދާނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.
އެ މިނިސްޓްރީން ބުނީ، ރާއްޖެއަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއްކަމަށެވެ. އަދި ސުލްހަވެރި ބޭނުމަކަށް ރާއްޖޭގައި ބަނދަރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށްވެސް ރާއްޖެއިން އަބަދުވެސް ޚިދުމަތް ދޭކަމަށް މިނިސްޓްރީން ބުންޏެވެ.
އެމިނިސްޓްރީން ބުނީ މިކަމުގެ ސަބަބުން ރާއްޖެއާއި އެހެނިހެން ޤައުމުތަކާ ދެމެދު އޮންނަ ޚާރިޖީ ގުޅުން ވަރުގަދަވުމުގެ އިތުރުން، އެހެން ޤައުމުތަކުގެ މީހުންނަށް މަރުހަބާ ކިޔުމުގައި ދިވެހިން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާ ސަގާފަތް ފެންނާނެކަމަށެވެ.
މިފަދަ ކަންކަމުގައި ރާއްޖެއިން އަބަދުވެސް އަމަލުކުރަމުންދަނީ ބައިނަލްއަޤްވާމީ އުސޫލުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ ހަމަތައް ހިފަހައްޓައިގެންކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.