ކ. ފުނަދޫގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިއުލް ފާމް ބަދަލު ކުރަން ނިންމާފައިވަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ކައިރީގައި މާގިރި ކިޔާ ދެ ފަޅެއް އޮންނަ އިރު އެއް ފަޅު އޮންނަނީ ޝެރަޓަން ފުލް މޫން ރިސޯޓު ކައިރީގައެވެ. އަދި ތިލަފުށީ ފަޅު ކައިރީގައި ވެސް މާގިރިފަޅެއް އޮވެއެވެ. ޝެރަޓަން ފުލް މޫން ކައިރީގައި އޮންނަ މާގިރިފަޅަށް ފިއުލް ފާމް ބަދަލު ކުރަން އުޅޭ ކަމަށް ބުނެ ޑައިވަރުންނާއި ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅު ކުރިއެވެ. އެމީހުން ފާހަގަ ކުރާ ގޮތުގައި އެ ތަނަކީ ޑައިވިން އަށް ވަރަށް ހާއްސަ ޕޮއިންޓެކެވެ.
އެކަމަކު، ފިއުލް ފާމް ބަދަލު ކުރަން ސަރުކާރުން ނިންމާފައި ވަނީ ތިލަފުށީ ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި ޝެރަޓަން ފުލްމޫން ރިސޯޓު ކައިރީގައި އޮންނަ މާގިރިފަޅަށް އެ ތަން ބަދަލު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ މިދިޔަ ހަފްތާގައި އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވުނު އެއް ކަމަކީ ކ. ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް އެހެން ތަނަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. މިއީ އެސްޓީއޯ އިން ހުށަހެޅި ކަރުދާހެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
އެގޮތުން ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް މާގިރިފަޅަށް ބަދަލު ކުރުމުގެ ކަންކަން އެސްޓީއޯ އިން ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ފުނަދޫގައި މިވަގުތު 48,000 ޓަނުގެ ޑީސަލާއި 10,000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރެވޭނެއެވެ.