މި ދުވަސްވަރަކީ ބޮލީވުޑްގައި ކުރީގެ ފިލްމު ތަކުގެ ރިމޭކްތައް ވަރަށް ގިނައިން ފެނިގެންދާނެ ދުވަސްވަރެކެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ވަރުން ދަވަން އާއި ސާރާ އަލީ ޚާން، މިމަހު ނެރެން ތައްޔާރުވަމުންދާ "ކޫލީ ނަމްބަރު 1″ އެވެ.
ޑައިރެކްޓަރ ލަވް ރަންޖަން މިހާރު އަންނަނީ ކުރީގެ ހިޓް ފިލްމު "ޗުޕްކޭ ޗުޕްކޭ" ގެ ރިމޭކަކަށް ތައްޔާރުވަމުންނެވެ.
ފިލްމު "ޗުޕްކޭ ޗުޕްކޭ" ގެ ރިމޭކްގައި ރާޖްކުމާރް ރާއޯ ލީޑު ރޯލަށް ނަގާފައިވާ ކަމަށް ފިލްމު ޚަބަރުތައް ބުނެއެވެ. އަދި ކޮވިޑުގެ އައުޓް ބުރޭކްއާއި ގުޅިގެން ފިލްމުގެ މަސައްކަތް މެދު ކަނޑާލާފައިވާއިރު، އަނެއްކާވެސް ފިލްމުގެ ޕްރޮޑިއުސަރ ބޫސަން ކުމާރުއާއި ޑައިރެކްޓަރ ލަވް ވަނީ މި ފިލްމުގެ މަސައްކަތްތަކާއިގެން ކުރިއަށްދާން ފަށާފައެވެ.
ފިލްމުގައި އިތުރު އެހެން ލީޑް ރޯލަކަށް ވިކީ ކޯޝަލް ނަގާފައިވާ ކަމަށް ޚަބަރުތައް ދަނީ ފެތުރެމުންނެވެ. ނަމަވެސް ވިކީ ކޯޝަލް އަދި މި ފިލްމަށް ސޮއިކޮށްފައި ނުވެއެވެ. ޚަބަރު ލިބޭގޮތުގައި އޭނާ ކުޅޭނީ "ޗުޕްކޭ ޗުޕްކޭ" ގައި އަމީތާބް ބައްޗަން ކުޅުނު ރޯލެވެ. އަދި އެ ރޯލަށް އެންމެ ފެތެނީ އޭނާކަމަށް ޕްރޮޑިއުސަރުން ދެކެއެވެ.
ކުރީގެ ރިޕޯޓެއްގައި ވިކީ ކޯޝަލްގެ މި ރޯލަށް އަޔުޝްމަން ކުރާނާ އާއި ރާޖްކުމާރް ފެނިގެންދާނެ ކަމަށް ބުނި ކަމުގައި ވިޔަސް އެއީ ޕްލޭން ކޮށްފައި އޮތްގޮތެއް ނޫންކަމަށްވެސް ފަހުގެ ރިޕޯޓުތައް ބުނެއެވެ.
ރާޖް ކުމާރް މިހާރު ދަނީ "ހަމް ދޯ ހަމާރޭ ދޯ" މި ފިލްމުގައި މަސައްކަތްކުރަމުންނެވެ. އަދި އެއަށްފަހު ފިލްމު "ބަދާއި ދޯ" ގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި ދެ ފިލްމުގެ ދެމެދުގައި "ޗުޕްކޭ ޗުޕްކޭ" ގެ މަސައްކަތް ފަށަން ޕްރޮޑިއުސަރުން ވަނީ ނިންމާފައެވެ.