ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކަސްއާއި ބައްދަލު ކުރައްވައިފިއެވެ.
މަހިންދަ ރާޖަޕަކަސްއާއި އަސްލަމް ބައްދަލު ކުރެއްވީ އޭނާ މިހާރު ސްރީލަންކާ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.
އެ ބައްދަލުވުމުގެ ތަފުސީލެއް މަޖިލީހުގެ އިދާރާއިން އަދި ހާމައެއް ނުކުރެ އެވެ.
އަސްލަމް ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މަހިންދަ ޔަޕަ އަބޭވަރްދޭނާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން އަސްލަމް ވަނީ އެގައުމުގެ ބޮޑުވަޒީރު، ދިނޭޝް ގުނަވަރްދޭނާއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އަސްލަމްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވެސް ބައިވެރިވެޑައިގަންނަވަ އެވެ.
އަސްލަމްގެ ދަތުރުފުޅުގައި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަސް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ވެސް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.