ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަސް ތެރޭގައި ބާއްވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކަންބޮޑުވުން ފާޅުކޮށް، ރޯދައިގެ ފަހަށް އިންތިހާބު ފަސްކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިއަދު އެދިއްޖެއެވެ.
ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން މަޖިލިސް އިންތިހާބުގެ ތާރީހާ މެދުގައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މާޗް 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. މަޖިލިސް އިންތިހާބު މި ބާއްވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
އީސީގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރީގެ ޔޫތު މިނިސްޓަރުކަމާއި ޓެކްނޮލޮޖީ މިނިސްޓަރު ކަން ކުރެއްވި މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެއީ ރޯދަ މަސް ތެރޭގައި މިފަދަ އިންތިހާބެއް ބޭއްވުމުން ވޯޓުލާން ނުކުންނަ މީހުން ދަށްވެ، އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ވަަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މަލީހް ފާހަގަ ކުރެއްވި ގޮތުގައި ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަށް ސިޔާސީ ބޮޑެތި ޕާޓީތަކުން ވެސް ދެކޮޅެވެ. އަދި އެ ޕާޓީތަކުގެ ވިސްނުމަކީ ވެސް ރޯދަ މަސް ނިންމާފައި އިންތިހާބު ބޭއްވުން ކަމުގައި އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން އެދުނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މި އިންތިހާބު ފަސްކޮށް ދެއްވައި ރޯދަ މަހަށް ފަހުގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް." މަލީހު ވިދާޅުވިއެވެ.
ރޯދަ މަހުގެ ފުރަތަމަ ހަފްތާއާ އިންތިހާބު ބާއްވާ ތާރީހު ދިމާވާ އިރު، ރޯދަ މަހު އިންތިހާބު ބާއްވާތީ އިދިކޮޅު އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅު ކުރިއެވެ.
ރޯދަ މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައި ވަނީ ރޯދަ ނިމި އީދު ބަންދަށް ފަހު ފެށޭ ހަފްތާއަކީ އިސްލާހުކޮށްފައިވާ ތައުލީމީ ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ އިމްތިހާން ދުވަސްވަރަށް ވެފައި، އެ ދުވަސްވަރު އިންތިހާބު ބޭއްވުމަށް ސްކޫލްތަކުގައި އިންތިހާބީ މަރުކަޒުތައް ގާއިމް ކުރުމަށް އެކަށީގެންވާ ތަންތަން ނުލިބޭނެތީއެވެ.
ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވާތީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަން ވެސް އީސީން ފާހަގަ ކުރެއެވެ.