މަޖިލީހަށް ކުރިމަތިލާ މީހުންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރަން ހުޅުވާލައިފި

މަޖިލީހަށް ކުރިމަތިލާ މީހުންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރަން ހުޅުވާލައިފި

Author
އަހުމަދު
17 ޖެނުއަރީ 2024 08:26
0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި، އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 31 ވާ ބުދަ ދުވަހުން ފެށިގެން ފެބްރުއަރީ 14 ވާ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މަޖިލިހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރިކޯޑް ފޯމާއި އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމުގެ ގޮތުން ދުރާލާ ދިނުމަށް ބޭނުންވާ ކަމަށް އިއުލާންގައިވެއެވެ.

އެގޮތުން ޑިސެމްބަރު 14 ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން އެދޭ މީހާއާއި އޭނާގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު ބަލައިގަތުމަށް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

"ވީމާ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިސްވެ ދެންނެވިފައިވާ ގޮތަށް، ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހުން އިންތިހާބަށް ހާއްސަ ބޭންކް އެކައުންޓް ހުޅުވުމުގެ ކަންކަން މިއަދުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ވެސް ދަންނަވަމެވެ." އިއުލާންގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.