ދިވެހި ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ސިފައިންގެ ވަޒީފާއަށް ރެކްރޫޓް ކުރާމީހުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތައް ތިރީގައި މިވަނީއެވެ.
- ދިވެހި ރައްޔިތެއް ކަމުގައިވުން.
- އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
- ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހަކު ކަމުގައިވުން.
- ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެރެކޯޑެއް އޮތްމީހަކުކަމުގައި ނުވުން.
- ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން.
މުސާރައާއި އިނާޔަތް
ސިފައިންގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމާއި ހަމައަށް މުސާރައާއި އެލަވެންސްގެ ގޮތުގައި -/12400 ރުފިޔާ ލިބޭނެއެވެ. އަދި އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމުން މުސާރައާއި އެލަވަންސްގެ ގޮތުގައި -/15500 ރުފިޔާ އާއި މަސައްކަތް ކުރާ ދާއިރާއެއްގެ ގޮތުން ހަމަޖެހިފައިވާ އިތުރު އެލަވަންސްތައް ލިބޭނެއެވެ.
ދިފާއީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބެލޭނެ ކަމުގައެވެ.
އަދި މިއިޢުލާނުގެ ބޭނުމަށް އުމުރު ފުރާ ބެލުމަށް ހަމަޖެހިފައިވަނީ 2024 ފެބުރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް ދިފާޢީ ވުޒާރާގެ (ވެބްސައިޓް: www.defence.gov.mv) އަދި އެމް.އެން.ޑީ.އެފްގެ (ވެބްސައިޓް: www.mndf.gov.mv) ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވެން ހުންނާނެކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ. ވަޒީފާއަށް އެދޭ ފޯމާއިއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ދިފާއީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ވަޒީފާ އަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައި ދެންނެވިފައިވާ އެމް.އެން.ޑީ.އެފްގެ މަރުކަޒުތަކުގެ އިތުރުން ދިފާޢީ ވުޒާރާ އިންނެވެ.
އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެ ކަމަށް ބުނެފައި ވެއެވެ.
ނޮދަން އޭރިއާ ކޮމާންޑް
- އެމް.އެން.ޑީ.އެފް ހދ. ކުޅުދުއްފުށި ޕޯސްޓް
- ޅ. ނައިފަރު ފަޔަރ ސްޓޭޝަން
ގްރޭޓަރ މާލެ އޭރިއާ ސަރަހައްދު
- ދިފާޢީ ވުޒާރާ
ސެންޓްރަލް އޭރިއާ ކޮމާންޑް
- ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް (ލ. ކައްދޫ)
- އެމް.އެން.ޑީ.އެފް ދ. ކުޑަހުވަދޫ ޕޯސްޓް
- އެމް.އެން.ޑީ.އެފް މުލީ ޕޯސްޓް (މ.މުލި)
- ފ. ނިލަންދޫ ފަޔަރ ސްޓޭޝަން
ސަދަން އޭރިއާ ކޮމާންޑް
- ސަދަން އޭރިއާ ހެޑްކްއޯޓަރޒް (ސ. ގަން)
- އެމް.އެން.ޑީ.އެފް ޏ. ފުވައްމުލަކު ޕޯސްޓް
- ސ. ހިތަދޫ ފަޔަރ ސްޓޭޝަން
- ގދ. ތިނަދޫ ފަޔަރ ސްޓޭޝަން
ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒަކަށް ނުވަތަ ދިފާޢީ ވުޒާރާގެ [email protected] އީމެއިލަށެވެ.
މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް މި ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެކަމަށްވެސް ޑިފެންސް މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ