އިންޑިއާ އެމްބަސީ ކުރިން ހިންގި އިމާރާތުގެ މައްޗަށް އަރައި އުޅެނިކޮށް ހައްޔަރު ކޮށްފައިވަނީ ވަގަށް އަނބު ބިންނަމުންދާ މީހެއްކަން އެނގިއްޖެއެވެ.
އިންޑިއާ އެމްބަސީ ކުރިން ހިންގި އިމާރާތުގެ މައްޗަށް އަރައި އުޅެނިކޮށް، މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވަނީ އުމުރުން 34 އަހަރުގެ އަހުނަފް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ފާއިތުވި ޑިސެމްބަރު މަހުގައިވެސް 200 އަނބު ވަގަށް ބިނދެގެން ފިލަން ދާން އުޅެނިކޮށް ހައްޔަރު ކޮށްފައިވާ މީހެކެވެ.
އެފަހަރު އޭނާ ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައިވެސް ބަހައްޓާފައި ވެއެވެ.
މިފަހަރު އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ އިންޑިއަން ހައި ކޮމިޝަން ހިންގި އިމާރާތްކަމަށްވަ ހ. އަތިރީގޭ ފުރާޅުމައްޗަށް އަރާ ހުއްޓާ ފެނިފައިވާ ކަމަށާއި، އެކަމުގެ ހެކި ކޯޓަށް ހުށަހެޅި ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމުގައެވެ.
އަދި އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ އޭނާގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެތީކަމަށް ގަބޫލުކުރެވޭތީކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.
މިއީ ވައްކަމުގެ ރެކޯޑު އޮތް މީހެކެވެ.
ކޮމެންޓު ފޮނުވާ