ލަންކާގައި މަރުވާ މުސްލިމުން ގެނައުމަކީ މުސްލިމުންނާއި ދެކޮޅަށް ލަންކާގައި ހިންގާކަންކަމަށް ކުރެވޭ ތާއީދެއް

ލަންކާގައި މަރުވާ މުސްލިމުން ގެނައުމަކީ މުސްލިމުންނާއި ދެކޮޅަށް ލަންކާގައި ހިންގާކަންކަމަށް ކުރެވޭ ތާއީދެއް

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 11:23
0

ކޯވިޑް-19 ގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖެ ގެނައުމަށް ނިންމައިފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށްކުރެވޭތާއީދަކަށް ކަމުގައި ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގެ އެއްބައިވެރިޔާ އަލް އުޘްތާޒު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެެވެ.

ދީނީ އިލްމުގެވެރިންގެ މެދުގައި މިކަމުގައި ޚިލާޔް ތަފާތުވެފައިވާއިރު، ގިނަ އިލެމުވެރިން ވަނީ ސަރުކާރުގެ މިނިންމުމަށް މަރުބާ ވިދާޅުވެފައެވެ. ނަމަވެސް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޯވިޑް-19 ގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދު ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.

ދީނީ އިލްމުވެރިޔާ، އަދި ސަރުކާރު ކޯލިޝަންގެ އެއްބައިވެރިޔާ ރައީސް މައުމޫން ވަނީ މިކަމާއިމެދު ފާޅުކުރަމުންދާ ޝުޢޫރުތަކަށް އަނެއްކާވެސް ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މައުމޫން މިއަދު ވިދާޅުވީ ކޯވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާގެ މުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ރާއްޖެއިން ކޮށްދޭންޖެހޭނެ ކަމެއްނޫންކަމަށެވެ.

ކޯވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެ ކަމެއްނޫން. އަދި އެކަންކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެވޭތާއީދަކަށް.

– މައުމޫން ވިދާޅުވިއެވެ.

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.