ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އިއްވާ ފުރަތަމަ ރިޔާސީ ބަޔާން އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު އިއްވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ނިންމައިފިއެވެ.
މަޖިލީހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ގޮތުން، އަންނަ ދައުރުގެ މަޖިލިސް ޖަލްސާތައް ފެށުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ އެދުވަހު ހެނދުނު 9:00 ގައެވެ.
މަޖިލިހުގެ އާ ދައުރު ފަށާ އަދި ރައީސް މުއިއްްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާއިރު، މިސަރުކާރުގެ ވަޒީރުންނަށް އަދިވެސް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފައެއް ނުވެއެވެ.
އާ ދައުރަށް މަޖިލިސް ފަށާ އިރު، މަޖިލިހުގައި ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެއީ އެމްޑީޕީގެ 14 މެމްބަރަކު ދާދި ފަހުން ވަނީ އެ ޕާޓީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގަތުމާއި ގުޅިގެންނެވެ.
މަޖިލިހުގައި މިހާރު ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ 42 މެމްބަރުންނެވެ. ޑިމޮކްރެޓްސްގައި 13 މެމްބަރުން މަޖިލިހުގަ އެބަ ތިއްވެވިއެވެ.
މަޖިލިހުގެ މެޖޯރިޓީ ޕާޓީއަކީ އަދިވެސް އެމްޑީޕީއެވެ. މައިނޯރިޓީ ޕާޓީއަކަށް ވެފައި ވަނީ ޕީއެންސީއެވެ.
އާ ދައުރަށް މަޖިލިސް ފެށިގެންދާއިރު، މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އަދިވެސް އޮންނާނީ އެމްޑީޕީއެވެ. އެހެންނަމަވެސް މައިނޯރިޓީ ޕާޓީއަށް ދެން ވެގެންދާނީ ޕީއެންސީއެެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.