ޓައިވާނާ އެކު އެއްވެސް ބާވަތެއްގެ ރަސްމީ ގުޅުމެއް ރާއްޖެއިން ނުބޭއްވުމަށް ރާއްޖެއާއި ޗައިނާއިން އެއްބަސް ވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގައި ދެފަރާތުން އެއްބަސްވާ ކަންކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ނެރުއްވި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައެވެ.
މި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި ވާގޮތުން ރާއްޖޭގެ ޤައުމީ ސިޔާދަތާއި، މިނިވަންކަމާއި، ޤައުމީ ކަރާމާތް ދެމެހެއްޓުމުގައި، ރާއްޖެއަށް ބޭނުންވާ ޤައުމީ ގެނެސްދިނުމުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށް ދިނުމާއެކު، ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމާ ޗައިނާއިން ދެކޮޅު ހަދާނެއެވެ.
އަދި އޭގެ އިތުރުން "ވަން-ޗައިނާ" ސިޔާސަތު ޤަބޫލުކޮށް، މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ޤާނޫނީ ސަރުކާރަކީ ޗައިނާ ސަރުކާރުކަމަށް ގަބޫލުކޮށް، ޓައިވާނަކީ ޗައިނާގެ ސަރަޙައްދުގެ ވަކިނުކުރެވޭނެ ބައެއްކަން ޤަބޫލުކޮށް، އެއްޗައިނާ ސިޔާސަތަަށް ތާއީދުކުރުންމަތީ ދިވެހިރާއްޖެއިން ސާބިތުވެ ދެމި އޮންނާނެ ކަމުގައިވެސް މި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި އެއްބަސް ވެފައި ވެއެވެ.
އޭގެ އިތުރުންވެސް، ޗައިނާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ވާހަކައެއް ނުވަތަ އަމަލަކާ ރާއްޖެއިން ދެކޮޅު ހެދުމުގެ އިތުރުން، "ޓައިވާންގެ މިނިވަންކަން" ކަމާއި، އެގައުމުން ވަކިވެގަތުމުގެ ހިންގާ ހުރިހާ ހަރަކާތަކާ ދެކޮޅު ހެދުމުގެ އިތުރުން، ޓައިވާނާ އެކު އެއްވެސް ބާވަތެއްގެ ރަސްމީ ގުޅުމެއް ނުބާއްވާނެ ކަމަށް ރާއްޖެއިން އެއްބަސް ވެފައި ވެއެވެ.
ހަމައެއާއެކު އެއްވެސް ބަޔަކު ޗައިނާގެ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމާ ރާއްޖެއިން ދެކޮޅު ހަދާނެ ކަމަށާއި، ޗައިނާގެ ގައުމީ އެއްބައިވަންތަކަން ހާސިލްކުރުމަށް ޗައިނާއިން ކުރާ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ތާއީދު ކުރުމަށްވެސް ދެފަރާތުން އެއްބަސް ވެފައިވާކަމަށްވެސް ރައީސް އޮފީހުން ނެރެފައިވާ މި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި ބުނެފައި ވެއެވެ.
ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމަށް ޗައިނާއި ދެކޮޅު ހަދާނެ ކަމަށާއި، ދެގައުމުގެ މައިގަނޑު މަސްލަހަތު ޙިމާޔަތްކުރުމުގައި އެއްގައުމު އަނެއް ގައުމަށް ހަރުދަނާ ގޮތެއްގައި އެއްބާރުލުން ދިނުމުގައި ދެމިތިބުމަށް ޗައިނާއާއި ރާއްޖެއިން ވަނީ އެއްބަސް ވެފައެވެ.