މާލެ ސިޓީ ކައުންސިލް، "މޯލްޑިވްސް ފަސްޓް" އާއި "ޕާޓީ ފަސްޓް" ގެ މެދުގައި ޗޮއިސްއެއް!

މާލެ ސިޓީ ކައުންސިލް، "މޯލްޑިވްސް ފަސްޓް" އާއި "ޕާޓީ ފަސްޓް" ގެ މެދުގައި ޗޮއިސްއެއް!

ގުޅުންހުރި

މާލޭ ސިޓީ ކައުންސިލަކީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން އަންނަ، ރާއްޖޭގެ ވެރިރަށުގެ ކުރިއެރުމާއި ތަރައްގީ ރަމްޒު ކޮށްދޭ މޫނުމައްޗެވެ.

އެހެންނަމަވެސް، 2008 ވަނަ އަހަރު ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްވި ފަހުން، ސިޔާސީ ފިތުނައާއި ދެކޮޅުވެރިކަން އުފަންވެ، ސަރުކާރުގެ އިދާރާތަކާއި، ރައްޔިތުންގެ މަޖިލީހާއި، ކައުންސިލްތަކުގެ އޭގެ އަސަރުތައް ފޭދިގެން ގޮސްފައި ވެއެވެ.

މި ދެބަސްވުންތައް ގިނަފަހަރަށް އުފެދިފައިވަނީ ވެރިކަން ކުރާ އިދާރާތަކުގެ ތެރޭގައި އިންތިޚާބުކުރެވޭ މަޤާމުތަކުންނެވެ. ޤައުމެއް ހިންގުމަށް ޓަކައި ތަފާތު ގަބޫލުކުރުންތަކާއި ޚިޔާލުތައް ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވީނަމަވެސް، މި ތަފާތުކަމުގެ ސަބަބުން ބައެއް ފަހަރު ކުރިއެރުމަށްވުރެ ބޮޑަށް ހަލަބޮލިކަން އުފެދެއެވެ.

އެގޮތުން، އިންތިޚާބުކުރެވޭ އޮފިޝަލުންނަކީ، ޢަމަލީ ގޮތުން، މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅުން ކަމުގައިވީނަމަވެސް، ސިޔާސީ ޕާޓީއެއްގެ އެޖެންޑާއަށް އިސްކަންދެއްވުމަށް މަޖުބޫރުވެގެން ދަނީ، ސިޓީގެ ތަރައްޤީ ކުރިއެރުމާއި، އެސިޓީގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެއްވުމަށް ވެފައިވާ ވައުދުތައް ގުރުބާން ކޮށްގެންނެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ދާދި ފަހުން ބޭއްވި ޕީއެސްއެމްގެ މޭޔަރުކަމުގެ ބަހުސްގައި ދެއްކެވި ވާހަކަތަކުގެ ތެރެއިން ބައެއްކަންކަން ފާހަގަ ކޮށްލާނަމެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، މި ދައުރުގެ އިފްތިތާހުކުރި "ފުށިދިއްގަރު ފަޅު/ރަސް މާލެ" މަޝްރޫއާއި، މި ދައުރުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއާ އޭނާ ވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ވާހަކަ ދައްކަވާފައެވެ. އަދި ޚުދު އޭނާވަނީ މޭޔަރާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުންއުފެދިދާނެ ހާލަތެއްގައި ތަރައްގީއަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ފާހަގަކުރައްވާ ވާހަކަ ދައްކަވާފައެވެ.

އެއާ ޚިލާފަށް އާޒިމާ ޝުކޫރު ވަނީ ސަރުކާރުގެ މަޝްރޫއުތަކަށް ތާއީދު ކުރައްވާކަން ފާޅުގައި އިއުލާނުކުރައްވައި، މާލެ އަށް ރާއްވަވާފައިވާ ޕްލޭންތައެއް އެކަމަނާގެ ސިޔާސަތުތަކާއި ފިކުރު އެއްގޮތްކަން ހާމަކުރައްވާފައިވެސްމެއެވެ. އެކަމަނާ އަކީ މާލޭ ސިޓީގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން މި ބަހުސްގައި ހާމަކުރައްވާފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ތަފާތު ސިޔާސީ ވިސްނުންތައް އެއްތަނަކަށް ގެނައުމަށް މަސައްކަތް ކުރާންޖެހޭއިރު، ސިޓީގެ ލާބައާއި އެތަނުގައި ދިރިއުޅޭ އެންމެންނަށް ވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މާލޭ ސިޓީ ކައުންސިލަށް ކުރިމަތިވެފައިވާ ގޮންޖެހުން އަދިވެސް ވަރަށް ސާފެވެ. ސިޔާސީ ޚިޔާލުތަފާތުވުންތައް ނައްތާލުމާއި، ސިޓީއާއި ރައްޔިތުންގެ އެންމެންގެ ކުރިއެރުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމެވެ.

މި ހާލަތަށް ބަލާއިރު އެންމެ ބޮޑު ސުވާލަކީ އެހެން ސިޔާސީ ޕާޓީއަކުން މޭޔަރުކަމުގެ މަގާމާ ހަވާލުވެއްޖެނަމަ "މޯލްޑިވްސް ފަސްޓް" އަށް އިސްކަން ދެވިދާނެ ހެއްޔެވެ؟ ނޫނީ އެއީ "ޕާޓީ ފަސްޓް" ގެ މައްސަލައަކަށް ވާނެ ހެއްޔެވެ؟ މިހާރު އެ ނިންމުން އޮތީ ރައްޔިތުންގެ މަތީގައެވެ. "މޯލްޑިވްސް ފަސްޓް" ނުވަތަ "ޕާޓީ ފަސްޓް"؟ ވިސްނުންތެރިކަމާއެކު ޚިޔާރުކުރާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ