ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ މަސްވެރިންނަށް ދޭނެ ކަމަށް މިފްކޯ އިން މިރޭ ބުނެފިއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ބުނީ މަސް އޮޑިފަހަރަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ފަރާތުން މިފްކޯއަށް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ދޭން ފަށާފައިވާ ކަމަށެވެ.
މި ސަރުކާރުން ބުނި ގޮތުގައި ވެރިކަމާ ހަވާލުވި އިރު، މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދު 170 މިލިއަން ރުފިޔާ އަށް އަރައެވެ. މިހާތަނަށް އައިއިރު، ފައިސާ ބައިބަޔަށް ބަހާލައިގެން ދިޔައީ ދެމުންނެވެ. މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޫކުރެއްވުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް 190 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބުމަކީ އަބަދުވެސް މަސްވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ. މި ސަރުކާރުގެ މަގްސަދަކީ މަސްވެރިން ބާނާ މަސްކޮޅު ކިރާލާފައި ވީހާވެސް އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ކޮމެންޓު ފޮނުވާ