ކޯވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުމަށް ޤާސިމް ތާއީދު

ކޯވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުމަށް ޤާސިމް ތާއީދު

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 08:55
0

އަވަށްޓްރި ސްރީލަންކާއިން ކޯވިޑް-19 ގައި މަރުވާ މީހުންގެ ހަށިތައް އަންދާލަން ފުރުސަތުނުދީ ރާއްޖެ ގެނެސް ވަޅުމަކީ އެދެވިގެންވާ ކަމެއްކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާތީ، މިކަމުގައި ރާޖޭގެ ބައެއް އިލްމުވެރިންނާއި ސިޔާސީ ލީޑަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތު ވެފައެވެ. އެގޮތުން ރައީސް މައުމޫން ވަނީ އެހެން ޤައުމުތަކުގައި ކޯވިޑް-19 ގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޤާސިމް ވިދާޅުވީ ލަންކާގެ މުސްލިމު އަޚުން ކޯވިޑްގައި ނިޔާވުމުން އެމީހުން އަންދާކަން ފުރުސަތު ދިނުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއްނޫންކަމަށެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އެހަށިތައް ވަޅުލަން ލަންކާއިން ފުރުސަތު ނުލިބޭނަމަ ރާއްޖެއިން އެފުރުސަތު ހޯދައި ދިނުމަކީ އެންމެ އެދެވިގެންވާ ގޮތްކަމަށް ޤާސިމް ވިދާޅުވިއެވެ.

ލަންކާއިން ކޯވިޑް-19 ޖެހިގެން މަރުވާ އިސްލާމުންގެ ޖަނާޒާގެ ކަންތައް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެހަށީތައް އަންދާނަމަ ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތްކަމެއް ރައްކާތެރިކަމާއިއެކު، ދީނުގައިވާ ގޮތަށްކޮށް ދެއްވުމަކީ އެދެވިގެންވާ ކަމެއް.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިކަމަކީ ޚިޔާލްތަފާތުވެ ވިސްނުން ދެބަސްވާންވީ ކަމެއް ނޫންކަމަށެވެ. މިކަމަކީ ބައިނަލް އަޤުވާމީ ހަމަތަކުން ބެލިކަމުގަިއ ވީނަމަވެސް އަދި އިންސާނީ ބުއްދިން ވިސްނިކަމުގައި ވީނަމަވެސް އެމީހުންނަށް ލިބެންގެންޖެހޭ ލާޒިމް ހައްހެއްކަމަށެވެ.

ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.