މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ އަށް ދުވާލަކު 200 ވެހިކަލް އެތެރެކޮށްފައިވާ ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށް އަންނަ ހޮނިހިރު ދުވަހު އޮންނަ މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ގެނެސްދިން "މޭޔަރު ބަހުސް 2024″ ގައި އާޒިމާ ވިދާޅުވީ މާލެއަށް އެތެރެކުރެވޭނެ ވެހިކަލްތަކުގެ އަދަދު ގާނޫނުގައި ކަނޑައަޅާފައި އޮތް އިރު، މާލޭގައި ދުއްވާ ވެހިކަލްގެ އުމުރު ކަނޑައެޅުމަކީ ވެސް ގާނޫނުން ލާޒިމް ކަމެއް ކަމަށެވެ. މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން މާލެއަށް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި އުޅަނދެއް އެތެރެއް ނުކުރެވޭ އިރު، މިދިޔަ ފަސް އަހަރު މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މާލެއަށް ދުވާލަކަށް 200 އަށް ވުރެން ގިނަ އުޅަނދު އެތެރެކޮށްފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަންތައްތައް ހުއްޓާލަންވެއްޖެ، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރަންޖެހޭ، ފުލުހުން ދެއްވާ މައުލޫމާތުތަކަށް ބަލާނަމަ މާލޭގެ ޓޯޔާޑު އޮތީ ފުރިފައި. ގާނޫނާއި ގަވާއިދު ތަންފީޒުނުކޮށް އެއްވެސް ތަނެއް ނުހިންގޭނެ، އާޒިމާ ވިދާޅުވިއެވެ.
މާލޭގައި ޕާކިން މައްސަލަ ހައްލު ކުރަން ޕާކިން ބިލްޑިންތަކެއް އުފައްދަން ޖެހޭ ކަމަށާއި އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ސަރުކާރުން ފަށާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އަދި މާލޭގެ ހުރިހާ މަގުތަކެއް އަލުން ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މާލޭގެ މަގުތައް ރީޑިވަލޮޕް ކުރުމަކީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭކަމެއް، އޭގެތެރޭގައި ފެން ހިންދުމުގެ ނިޒާމާ އަދި ނަރުދަމާއާ ހަމައެޔާއާއެކު މާލޭގައި އެކި ހިދުމަތްތަކުގައި ވަޅުލަމުންދާ ކަރަންޓާއި އެހެން ހިދުމަތްތަކަށް ބޭނުންވާ ހޮޅިތައް، އެކީ އެއްފަހަރާ ވަޅުލާ، މާލޭގެ ހުރިހާ މަގެއް ހެދުމުގެ ޕްލޭނެއް ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން." އާޒިމާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޒިންމާއަކީ ހަމައެކަނި މާލެއެއް ނޫން، ވިލިމާލެ ވިޔަސް ހުޅުމާލެ ވިޔަސް އަޅުގަނޑުމެންގެ ޒިންމާއެއް އެއީ، ހުޅުމާލެ ފޭސް އެކަކީ ސްޓޯމް ވޯޓަރ ޑްރައިނޭޓް ސިސްޓަމާއެކު ހެދި ތަނެއް، މިދިޔަ ފަސް އަހަރު މެނޭޖް ނުކުރެވިގެން ގޮސް މިހާރު ރަނގަޅަށް ވާރޭވެހިލައިފިއްޔާ ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާނެ. ކާކުތޯ ޒިންމާ ނަގަނީ؟ ހުޅުމޭލެ ފޭސް ދޭއްގައި މިހާރު ހުރި މަގުތަކުގެ ވެސް ހަނިކަމަށް ބަލާފަ، އެއަށްވުރެން ރަނގަޅު ހައްލުތައް ވެސް އަޅުގަނޑުމެން ހޯދަންޖެހޭ. ވިލިމާލޭގެ މަގުތައް ވެސް އެހެރީ އެންމެ ފުރަތަމަ ގައު އަޅާފަ، ހެދި ގޮތަށް. ވިލިމާލޭގެ މަގުތައް ވެސް އަލުން ހެދުމުގެ ޕްލޭނެއް އިއުލާންކުރާނެ"