ކޯވިޑްގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަކީ ރަނގަޅު ނިންމުމެއް

ކޯވިޑްގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަކީ ރަނގަޅު ނިންމުމެއް

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 10:11
0

ކޯވިޑް-19 ގައި އަވަށްޓެރި ސްރީލަންކާއި މަރުވާ މުސްލިމު މީހުން އަންދާލުމުގެ ބަދަލުގައި ރާއްޖެ ގެނެސް އެމީހުން ވަޅުމުގެ ފުރުސަތު ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

އެހެން ޤައުމުތަކުގައި ކޯވިޑް-19 ގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެފައި ވަނިކޮށް ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިންމުމަކީ ސަރުކާރުން ނިންމާ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. ޝައިޚް ވިދާޅުވީ ލަންކާގެ މުސްލިމު އަޚުން ކޯވިޑްގައި މަރުވުމުން އަންދާލަން ފުރުސަތު ދިނުމުގެ ބަދަލުގައި ވަޅުލެވޭނެ ގޮތަކަށް އެހީތެރިކަން ދިނުމަށް ނިންމެވި ނިންމެވުމަކީ ސަރުކާރުން ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއްކަމަށެވެ.

ދީނީ އިލްމުގެވެރިންގެ މެދުގައި މިކަމުގައި ޚިލާޔް ތަފާތުވެފައިވާއިރު، ގިނަ އިލެމުވެރިން ވަނީ ސަރުކާރުގެ މިނިންމުމަށް މަރުބާ ވިދާޅުވެފައެވެ. ނަމަވެސް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޯވިޑް-19 ގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދު ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.