ރައީސް މުއިއްޒު ރޭގެ ޖަލްސާ އަށް ވަޑައިގަންނަވަނީ.

ސަރުކާރާ އެކީ މަސައްކަތް ކުރުމުގެ ވިސްނުން ނެތް މީހަކު މޭޔަރަކަށް ހޮވުން ބުއްދިވެރިއެއް ނޫން: ރައީސް

ސަރުކާރާ އެކީ މަސައްކަތް ކުރުމުގެ ވިސްނުން ނެތް މީހަކު މޭޔަރަކަށް ހޮވުން ބުއްދިވެރިއެއް ނޫން: ރައީސް

ސަރުކާރާ އެކީގައި މަސައްކަތް ކުރުމުގެ ވިސްނުން ނެތް މީހަކު މާލޭގެ މޭޔަރަކަށް ހޮވުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ހޮވަންޖެހެނީ އެމަނިކުފާނަށް %100 އެއްބާރުލުން ދޭނެ ކެންޑިޑޭޓުންތޯ ނުވަތަ ޕާޓީން ބުނާ ގޮތަކަށް ކަންކަން ކުރާނެ ކެންޑިޑޭޓުންތޯ މާލޭގެ ރައްޔިތުން ނިންމަން ޖެހިފައިވާ ކަމަށެވެ. ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ކައުންސިލަށް ހޮވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނެވި އިރުގައި ކައުންސިލަށް ލިބޭ ބަޖެޓުން ކުރެވޭ ކަންކަމާއި އާމްދަނީ އިތުރުކޮށްގެން ކުރެވޭނެ ކަންކަމާއި ސަރުކާރުން އެއްބާރުލުން ދީގެން ކުރެވޭނެ ކަންކަން ހުރި ކަމަށެވެ. އޭރުގެ ސަރުކާރުން ކޮންމެވެސް ކަހަލަ މަގެއް ކޮށައި ދިނުމުން ވާން ހުރި ކަންކަން ފިޔަވައި ސިޓީ ކައުންސިލުން ކުރަން ނިންމި ހުރިހާ ކަމެއް ކުރެއްވުނު ކަމަށާއި ސަރުކާރުން އެއްބާރުލުން ނުދިނުމުގެ ސަބަބުން މާލޭގެ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަންކަން ނުވެ ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.

މިރޭގެ ޖަލްސާގައި ރައީށް މުއިއްޒު ވަނީ ބައެއް މިސާލުތައް ނަންގަވައިފައެވެ. އެ މިސާލުތަކުގެ ތެރޭގައި މާލެ އާއި ވިލިމާލޭގައި ފްލެޓުތަކެއް އެޅުމަށް ކުރެއްވި މަސައްކަތާއި މަގުތައް ހެދުމަށާއި ޕާކިން ބިލްޑިންތައް އެޅުމަށާއި މަސް މާރުކޭޓު ތަރައްގީ ކުރަން ކުރެއްވި މަސައްކަތް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ސަރުކާރުން އެއްބާރުލުން ނުދިނުމުގެ ސަބަބުން އެ މަޝްރޫއުތައް ކުރިއަށް ނުދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާ ހިލާފަށް މިއަދުގެ ސަރުކާރުން އޮތީ ކައުންސިލަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާޒިމާގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާ.

އެހެން އެކަން އޮއްވައި ސަރުކާރަށް ޖެއްސުން ކުރަން ނޫނިއްޔާ ސަރުކާރާ އެކީގައި މަސައްކަތް ކުރުމުގެ ވިސްނުން ނެތް މީހަކު މާލޭގެ މޭޔަރަކަށް ހޮވައިފިއްޔާ އަނެއްކާ ވެސް މާލޭގެ ރައްޔިތުން ތަކުރާރު ކުރަން ޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން. ލާމަރުކަޒީ ނިޒާމު ކަންކަން ކުރަން ބޭނުންވާތީ ފުލް ޓައިމް ކައުންސިލްތަކަށް ދޭނެ ވަޒީރަކު ކެބިނެޓުގައި ހިމަނައިގެން ވުޒާރާއެއް އުފައްދައިގެން ރެއާއިދުވާލު ކައުންސިލްތަކަށް، އެލްޖީއޭ މެދުވެރިކޮށް ކަންކަންމި ދަނީ ފަހިވަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ކުރަން ބޭނުންފުޅު ވަނީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ. ގޯއްޗާއި ފްލެޓުތައް ދެވޭނީ ކައުންސިލްގެ އެހީތެރިކަމާ އެކުގައި ކަމަށާއި ކައުންސިލުން ގޭގެއަށް ގޮސް ރައްޔިތުންގެ ހާލާއި ދިރިއުޅުމުގެ ހާލަތު ބަލަން ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ، އަދި ޔަގީން ކުރާނީ އަޅުގަނޑާ އެކީގައި %100 މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތް އަޅުގަނޑުމެންގެ ކެންޑިޑޭޓު ނަންބަރު ތިނެއް އާޒިމާ އަށް އަދި ހެންވޭރު އުތުރާއި މެދު ދާއިރާގެ ކެންޑިޑޭޓާއި މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓު، މި ހަތަރު ކެންޑިޑޭޓުން ކަން މާލޭގެ ރައްޔިތުން ހިޔާރު ކުރާނީ،"

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *