ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލާ އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަނީ

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލާ އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަނީ

Author
ހުސެއިން
04 ޖެނުއަރީ 2024 11:18
0

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލާ އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދެވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުއެވެ.

ޖުމްލަ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ބައެއްގެ ގޮތުގައި ފުނަދޫ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރެވިގެން ދާއިރު މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢުގެ ތެރޭގައި މިހާރުގެ ސީޕްލޭން ޓަރމިނަލް އެހެންތަނަކަށް ބަދަލުކުރުމާއި، ޖެޓްތަކަށް ޚާއްޞަ ޓަރމިނަލެއް ހެދުމާއި، ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވަރަށް ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމާއި، ކާގޯ ފެސިލިޓީ ތަރައްޤީކުރުން ހިމެނެއެވެ.

މީގެ އިތުރުން ފުނަދޫ، މަލެއާއި ހުޅުލެއާ ބްރިޖުން ގުޅުވާލުމާއި، ހުޅުލެއާއި ހުޅުމާލެއިން ސީޕްލޭން ޓަރމިނަލްއާވެސް ގުޅުވާލުމަށް ރާވާފައިވެއެވެ.

މި ބޮޑު މަޝްރޫޢު އިފްތިތާޙް ކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިފްތިތާޙް ކުރެއްވީ ދިވެހިންގެ އުންމީދު ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކުއެކީގައި މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވަން ރާވާފައިވާކަމުގައި ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަހަރަކު ޖުމްލަ 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތެއް ނަމަވެސް މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢާއެކު މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރެވި، އެއަދަދު ޖުމްލަ 25 މިލިޔަނަށް އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢު އިފުތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.