ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ އާއި ބިން ހަވާލު ކުރަން ފަށައިފި

ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ އާއި ބިން ހަވާލު ކުރަން ފަށައިފި

ގުޅުންހުރި

ރައީސް ސާލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް ބިން ހަވާލު ކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

ކުރީ ސަރުކާރުން ދީފައިވާ ގޯތި މި ސަރުކާރުން އަތުލާނެކަމަށް ބައެއް ފަރާތްތަކުން އަޑު ފަތުރަމުން ދަނިކޮށް ރައީސް މުއިއްޒު މިމަހުގެ ދެވަނަ ދުވަހު ވިދާޅުވެފައިވަނީ  ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ނިންމައި ގެޒެޓް ކުރި ލިސްޓުގައިވާ މީހުންނަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދު ވެވަޑައިގެންނެވި ގޮތަށް އެތަންތަން ހަވާލު ކުރައްވާނެ ކަމުގައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެެއްގައި ބުނެފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުން މިއަދުން ފެށިގެން އެ ވުޒާރާގައި ކުރިއށް ދާނެ ކަމަށެވެ.

އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ ވުޒާރާއިން ފޯން އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ހާޒިރުވާނެ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު، ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓް އަތުލާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައިވަނީ އަޑު ފަތުރާފައެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ގޯއްޗާއި ފްލެޓް ދީ، ގެޒެޓްކޮށްފައިވާ އެއްވެސް ފަރާތެއްގެ ފްލެޓެއް އަދި ގޯއްޗެއްވެސް އަތު ނުލައްވާނެކަމުގައެވެ.

ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މި ސަރުކާރުން ވަނީ ރަސްމާލެ ނަމުގައި ބޮޑު މަޝްރޫއެއް ފަށައިފައެވެ. މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލޭގެ މަސައްކަތް މިދިޔަ މަހު ފެށިއިރު، އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތް ކުރުމަށް އާބަންކޯ އިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ. މިހާތަނަށް އައިއިރު، ރަސްމާލޭގެ 10 ހެކްޓަރުގެ ބިން ހިއްކައި ވަނީ ނިންމައިފައެވެ.

ފުށިދިއްގަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމުން ވާވަރުގެ ތިން ގުނައެވެ. މި ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް އަށް މަސް ތެރޭގައެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު މައްސަލަ އަށް ޖުމްލަ ހައްލެއް ގެނެސްދޭނެ މަޝްރޫއެއް ކަމުގައި މި ސަރުކާރުން ގަބޫލު ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ