ރައީސުލްޖުމުހޫރިއްޔާ އުފެއްދެވުމަށް ނިންމާފައިވާ ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަށް މެންބަރުން ހޯދަން އިއުލާންކޮށްފިއެވެ.
ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހި ގައުމު ބިނާކުރުމާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާއި ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ގެ ނަމުގައި ބޯޑެއް އެކުލަވާލުމަށް ނިންމާފައިވާ ކަމުގައެވެ.
އެގޮތުން "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ އަށްވަނަ ދުވަހުގެ 14:00 ގެ ކުރިން ޔޫތް މިނިސްޓްރީއަށް ފޯމު އޮންލައިންކޮށް ހުށަހަޅަންވާނެ ކަމަަށްވެސް އިއުލާންގައި ބުނެފައި ވެއެވެ.
ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަށް މެންބަރުން ބޭނުންވާ ދާއިރާ:
- ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން: އަންހެން 1 އަދި ފިރިހެން 1
- ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ: އަންހެން 1 އަދި ފިރިހެން 1
ބޯޑު މެމްބަރުންގެ ޝަރުތުތައް:
- ދިވެހި ރައްޔިތެއް ކަމުގައިވުން
- އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން
- ތަމްސީލުކުރާ ދާއިރާއާ ގުޅޭ ފަންނީ ގާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން
- ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން
ރައީސް މުއިއްޒު، ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު އުފެއްދެވުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
ކޮމެންޓު ފޮނުވާ