ރައީސް ސާލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުކަން ކުރެއްވި އައިޝަތު ނަހުލާ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމައިފި އެވެ.
އެކަން އޭނާ ވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއުލާން ކުރައްވާފައެވެ. ނަހުލާ ވިދާޅުވީ އޭނާ ވާދަކުރާނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކަމުގައެވެ. ނަހުލާއަކީ މިވަގުތު ވެސް ޖޭޕީގެ ޑެޕިއުޓީ ލީޑަރެކެވެ.
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު އައިޝަތު ނަހުލާ (އައިޝާ) ކުރިމަތިލުމަށް ނިންމައިފީ މެވެ. އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން, އަޅުގަނޑަށް ތާއީދުކޮށް ތިޔަ ބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން.
އޭނާ ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެ އެވެ.
ނަހުލާގެ ފިރިކަލުންނަކީ މާމިގިލީ ދާއިރާގެ މެމްބަރު، މަހުޖަނު ގާސިމް އިބްރާހިމްއެވެ. އެގޮތުން ނަހުލާ ޓްރާންސްޕޯޓު މިނިސްޓަރުކަމަށް ވަޑައިގެންފައިވަނީ ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ޖޭޕީއަށް ދެއްވި ސްލޮޓްގައެވެ.
ޓްރާންސްޕޯޓު މިނިސްޓަރުކަމުގައި ނަހުލާ ހުންނެވިއިރު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިގެން ދިޔައެވެ. އޭގެތެރެއިން ބައެއް މައްސަލަތައް އޭސީސީއަށްވެސް ހުށަހަޅާފައި ވެއެވެ.