އާބިޓްރޭޝަން ސެންޓަރާއިއެކު ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެ: އޭޖީ

އާބިޓްރޭޝަން ސެންޓަރާއިއެކު ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެ: އޭޖީ

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 02:09
0

އާބިޓްރޭޝަން ސެންޓަރާއިއެކު މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެ ކަމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން، އާބިޓްރޭޝަނުގެ ޚިދުމަތްތައް ފޯރުކޮށްދޭން ފަށުމާއި ގުޅިގެން އޭޖީ ވިދާޅުވީ ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެކަމަށެވެ.

2013 އަހަރު ފާސްކޮށްފައިވާ އާބިޓްރޭޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ޚިދުމަތްތައް ރަސްމީކޮށް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ފަރާތުން ދޭން މިއަދު ފަށާފައިވާކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ. އެގޮތުން އެސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް މިހާރު މައްސަލަ ހުށަހެޅޭނެކަމަށާއި، ވަރޗުއަލް ޚިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިންގ ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެކަމަށްވެސް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު ބުނެއެވެ.

އެސެންޓަރުގެ ފަރާތުން ވަރޗުއަލް ޚިދުމަތްތައް ތަޢާރަފުކުރުމާއިއެކު، ޚިދުމަތްތައް ވީހާވެސް ގިނަ ބަޔަކަށް ލިބުމަށް މަގު ފަހިވެގެންދާނެކަމަށާއި، އެސެންޓަރަށް މައްސަލައެއް ހުށަހަޅަން ބޭނުންވާ އެސެންޓަރުގެ ވެބްސައިޓުން ހުށައެޅޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން 2019 ވަނަ އަހަރުގެ އެޕްރީލް މަހު ފެށުމާއިއެކު ކޮށްފައިވާ ކަންކަމުގެ ތެރޭގައި، ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ކޭސް މެނޭޖްމަންޓް ޕޯޓަލް އެއް ޤާއިމްކުރުމާއި، އާބިޓްރޭޝަންގެ ޤަވާއިދުތައް ޝާއިއުކުރުން ހިމެނެއެވެ. އާބިޓްރޭޝަން ސެންޓަރުން ޚިދުމަތް ލިބިގަންނަ މީހުންނަށް އިތުބާރު ލިބޭނޭ ގޮތަށް، ހަރުދަނާ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދެއްނޭކަމުގެ ޔަޤީންކަން އެސެންޓަރުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.