ރިޔާސީ އިންތިހާބަށް ހޭދަވީ 84 މިލިއަން ރުފިޔާ

ރިޔާސީ އިންތިހާބަށް ހޭދަވީ 84 މިލިއަން ރުފިޔާ

Author
ހުސެއިން
31 ޑިސެމްބަރ 2023 10:29
0

މިއަހަރުގެ ރިޔާސީ އިންތިހާބަށް ހޭދަވީ ޖުމްލަ 84 މިލިއަން ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް 63 މިލިޔަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި ހޭދަވީ 51 މިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުގެ ހޭދަވީ 12 މިލިއަން ރުފިޔާއެވެ.

ރިޔަސީ އިންތިހާބުގެ ދެވަނަ ބުރަށް 21.6 މިލިޔަން ރުފިޔާ ވަނީ ހޭދަވެފައެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދަށް ގޮތުގައި ހޭދަވީ 21.5 މިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވީ 61،408 ރުފިޔާއެވެ.

ރިޔާސީ އިންތިޚާބަށް ބަޖެޓް ކުރީ ޖުމްލަ 96.4 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓަކު ވާދަކުރިއިރު، ދެވަނަ ދެވަނަ ބުރުގައި ވާދަކޮށްފައިވަނީ އެންމެ މަތިން ވޯޓު ހޯއްދެވި މިހާރު ރައީސް މުއިއްޒުއާއި ކުރީގެ ރައީސް ސާލިހުއެވެ.

އީސީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ފަށައިގަތުމުގައި ކޮމިޝަނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި، އިންތިޚާބުގެ މަސައްކަތް ފަށައގަތްއިރު ކޮމިޝަނަށް ބޭނުންވާ ޢިމާރާތެއް ނުލިބި ގިނަދުވަސްތަކެއް ހޭދަވިކަން ފާހަގަ ކޮށްފައި ވެއެވެ. އަދި އިންތިޚާބުގެ މަސައްކަތުގެ މެދުތެރެއިން އެކިއެކި ސެކްޝަންތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރުން ވެގެންދިޔައީ އިދާރީގޮތުން ދިމާވި ގޮންޖެހުމެއްކަމަސް ފާހަގަ ކޮށްފައި ވެއެވެ.

އޭގެ އިތުރުންވެސް، މާލީގޮތުން ލިބިފައިވާ މިނިވަންކަން ކުޑަވުމުން ޢާންމު އުޞޫލުން ކަންކަންކުރުމަށް ދަތިތަކެއް ދިމާވެ،
އިންތިޚާބުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް ބަޖެޓު ލިބިފައިވީ ނަމަވެސް ޚަރަދުކުރުމުގެ ހުއްދަ
ނުލިބި ގިނަދުވަސް ހޭދަވިކަން ރިޕޯޓުގައި ވަނީ ފާޙަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.