ރައީސް މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ގޮތެއް ނިންމުމަށް ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ. އެގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށްޓަކައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ތިންބައިިކުޅަ އެއްބައިި މެންބަރުން ސޮއި ކޮށްގެން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވިދާނެއެވެ.
އާ ސަރުކާރު ހުވާކުރުމާއެކު، މަޖިލިހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ މަޖިލިހުގެ މިހާރުގެ ޖުމްލަ އަދަދަކީ މިހާރު 80 މެމްބަރުންނެވެ. އެހެންކަމުން ދައުރުން ބޭރު ޖަލްސާއެއް ބޭއްވެން އަންނަނީ 26 މެމްބަރުން ސޮއިކޮށް އެކަމަށް ހުށަހެޅުމުންނެވެ. މިހަފްތާގައި އެމްޑީޕީގެ 12 މެމްބަރަކު ކޮންގްރެސް ޕާޓީއާއި ގުޅުމާއެކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މިވަގުތު ތިބީ 43 މެމްބަރުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢީއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް، ނަންފުޅުތައް ދިރާސާކުރެއްވި ސަރުކާރުގެ މަސްޢޫލިއްޔަތުއަދާކުރާ މިންވަރުބަލާ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ ޙާޒިރުވެވަޑައިގެންނެވި 10 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ކޮމިޓީގެ މުޣައްރިރު އިއުލާންކުރެއްވީ 5 މެންބަރުންގެ އަޣްލަބިއްޔަތުން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްވެފައިވާކަމަށެވެ.
އެ ހުށައެޅުމަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވާފައެއް ނުވެއެވެ. އެމްޑީޕީން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
މި ދައުރުގެ މަސައްކަތްތައް ނިންމާ މަޖިލިސް ޗުއްޓީއަށް ދިޔައިރު އަދިވެސް ވަޒީރުންނަށް ރުހުން ދިނުން އޮތީ ކޮމިޓީ މަރުހަލާގައެވެ.
ވަޒީރުންނަށް ރުހުން ދިނުން މިމަހުގެ 18 ވަނަ ދުވަހަށް މަޖިލީހުގައި އެޖެންޑާ ކުރެވުނު ނަމަވެސް، ވަޒީރުންގެ މަޖިލިހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓު ފުރިހަމަ ނުވާކަމަށް ނިންމާ، ރިޕޯޓު އެޖެންޑާއިން އުނިކޮށް އަލުން އިސްލާހު ކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.
ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ކޮމިޓީން ފާސްވެފައިވާއިރު، ކުރިން އެމްޑީޕީގައި ތިއްބެވި 12 މެމްބަރަކު ކޮންގްރެސް ޕާޓީއާއި ގުޅުމާއި ގުޅިގެން، އެކޮމިޓީގައި އެމްޑީޕީއަށް އޮތް މެޖޯރިޓީ މިހާރު ވަނީ ގެއްލިފައެވެ.
މަޖިލީހުގެ އެންމެ ފަހު ދައުރު މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ޗުއްޓީގައި އޮތްނަމަވެސް ކޮންމެހެން ޖަލްސާއެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނެކަމަށް ވިދާޅުވެފައެވެ.
ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގައި މި މައްސަލަ ދިގުދެންމުމުން، ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހާއި އެމްޑީޕީއަށް ޢަމާޒުވެފައިވެއެވެ.