ބަޖެޓެއްނެތް، ކެމްޕެއިން ނުކުރެވޭ، ޤާނޫނީ ގިނަ މައްސަލަތަކެއް، އިންތިޚާބު ބޭއްވިދާނެތަ؟

ބަޖެޓެއްނެތް، ކެމްޕެއިން ނުކުރެވޭ، ޤާނޫނީ ގިނަ މައްސަލަތަކެއް، އިންތިޚާބު ބޭއްވިދާނެތަ؟

ގުޅުންހުރި

ކޯވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ފަސްކޮށް، އިންތިޚާބް ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ މާރޗް މަހުގެ ފުރަތަމަ ހަފްތާގައެވެ.

އިންތިޚާބު ބޭއްވުމުމުގެ އެންމެ މަތީ ޒިންމާ އެޅިފައިވާ އިލެކްޝަން ކޮމިޝަނުން މިހާރު ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ބަލާއިރު، އިންތިޚާބު މާރޗް މަހުގެ ތެރޭގައި ބޭއްވުމަކީ ވަރަށް ދުރުކަމެކެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އިންތިޚާބް ބޭއްވުމަށް ދުރާލައި ވާންޖެހޭ އިދާރީ ތައްޔާރީތަކާއި، އިންތިޒާމުތައް ވުމަށް އެކަށީގެންވާ ވަގުތު ބޭނުންވާކަމަށެވެ. ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އިންތިޚާބު ބޭއްވުމަށް ދޭންޖެހޭ އެއްބާރުލުން އެކަށީގެންވާ ގޮތަށް ނުލިބޭކަމުގެ ޝަކުވާ ޝަރީފްވަނީ ނުސީދާ ގޮތެއްގައި މީޑިޔާ މެދުވެރުކޮށް ހިއްސާ ކުރައްވަމުންނެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބަޖެޓެއް ނެތް:

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އިންތިޚާބް ބޭއްވުމަށް މިހާރު ބަޖެޓް ކޮށްފައިވާ އަދަދަކީ އިންތިޚާބް ބޭއްވުމަށް އެކަށީގެންވާ އަދެއްނޫންކަމަށެވެ. އިންތިޚާބް ބޭއްވުމުގެ ހުއްދަ ކަމާއިބެހޭ ފަރާތްތަކުން ދިން ކަމުގައި ވީނަމަވެސް މިހާރު އޮތް ބަޖެޓާއިއެކު އިންތިޚާބް ނުބޭއްވޭނެކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ފާސްކޮށްފައިވާ 51 މިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް 13.3 މިލިއަން ރުފިޔާ ލިބިގެންނޫނީ އިންތިޚާބު ނުބޭއްވޭނެކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަނުން ވަނީ އިންތިހާބު ބޭއްވުމަށް 71 މިލިއަން ރުފިޔާ ބޭނުންވާކަމަށް ބަޖެޓް އެކުލަވާލި އިރު ހުށަހަޅާފައެވެ. ނަމަވެސް ބަޖެޓް ފާސްވެގެންދިޔައިރު ބަޖެޓްވަނީ 51 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ. އިންތިޚާބް ބޭއްވުމަށް ބޭނުންވާ ބަޖެޓް ހަމަޖެހޭނެ ކަމާއިމެދު މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އަދި މިކަމުގައި އިލެކްޝަނުން ކަންބޮޑުވުން ފާޅުކުރަމުންދަނީ ކުރެވުނު މަޝްވަރާތަކަށް އަލި މަގެއް ނުލިބުމުންކަމަށް ބެލެވެއެވެ.

ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބި ރަށު ބަންދުގައި:

އިންތިޚާބުގެ ބަޖެޓާއިއެކު، ދެން އޮތް އެންމެބޮޑު ޝަކުވާއަކީ އިންތިޚާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބުމުގެ ޝަކުވާއެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ކެންޑިނޭޅި މިޝަކުވާތައް ކުރަމުންނެވެ. ނަމަވެސް މިކަމުގައި އަދި މިހާތަނަށް ހައްލެއް ލިބޭނެ މަގެއް ނުފެނެއެވެ.

ކެމްޕެއިން ކުރުމަށް ޤާނޫނުގައި ބުނާ މުއްދަތު ނުދީ އިންތިޚާބު ބާއްވައިފިނަމަ އިންތިޚާބަކީ ބޭކާރު އިންތިޚާބަކަށްވުމުގެ ފުރުސަތުވެސް ބޮޑެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ކެމްޕެއިން ކުރުމަށް ޤާނޫނުގައި ބުނާ މުއްދަތު ނުލިބޭ ގޮތަކަށް އިލެކްޝަން ކޮމިޝަނުން އިންތިޚާބު ބާއްވަން އިއުލާން ނުކުރާނެކަމަށެވެ.

އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތުން ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ކޮންމެ ސިޔާސީ ޕާޓީއަކަށް އަދި ކޮންމެ ކެންޑިޑޭޓަކަށް ލިބެން ޖެހޭނެ އެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވީ އެ ފުރުސަތު ފަހިކޮށް ނުދީ އިންތިހާބު ބާއްވައިފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންތިހާބު ބާތިލު ކުރުމުގެ ފުރުސަތު ވާދަކުރާ ކެންޑިޑޭޓަކަށް ފަހިވެގެން ދާނެ ކަމަށެވެ.

ސަރުކާރުގެ އަމާޒު ހުރީ ކޮންގޮތަކަށް؟ 

ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދީފައިވާއިރު، އެބާރުތައް ދޫކޮށްލުމަށް ސަރުކާރުން ވިސްނާފައިވަނީ އާ ކައުންސުލްތައް އިންތިޚާބު ވުމުންނެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރުވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެތައް ކެންޑިޑޭޓުންނެއްވަނީ ނަންވެސް އަނބުރާ ނަގާފައެވެ. މިއީވެސް ހައްލެއް ބޭނުންވާނެ ޤާނޫނީ މައްސަލައެކެވެ.

އިންތިޚާބު ބޭއްވުމަށް ސަރުކާރުގެ ސަމާލުކަން ކުޑަވެފައިވަނީ މިދަނޑިވަޅުގައި އިންތިޚާބު ބާއްވައިފިނަމަ ސަރުކާރަށް ބޮޑުތަނުން އިންތިޚާބް ނާކާމިޔާބް ވާނެތީކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންވުން ސަރުކާރުގެ އަމާޒުހުރީ ތަރައްޤީގެ މަސައްކަތްތަކެއް ކޮންމެވެސް ވަރަކަށް ފަށައި ރައްޔިތުންގެ ޝަކުވާތަކާއި، ބޭނުންތަކަށް ކޮންމެވެސް ވަރެއްގެއް ހައްލެއް ގެނެސް ދިނުމަށް ފަހު އިންތިޚާބް ބޭއްވުމަށް ކަމަށެވެ. އަދި މިހާރު ރާއްޖޭގެ މަސްރަހު އޮތް ގޮތުން ސަރުކާކާރަށް ރައްޔިޔުންގެ ނުރުހުން އިންތިހާއަށް އޮތުމަކީ ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ސަމާލުކަން ކުޑަވާ އެންމެ ބޮޑު ސަބަބުކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ