ފާއިތުވި 5 އަހަރު ކުންފުނީގައި ހިންގާފައިވާ ގޯސްތަކާއި، 4.1 ބިލިއަން ރުފިޔާގެ ދަރަނީގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫ އަރާފައިވާކަމަށް މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އެކުންފުނީގެ ހާލަތު ހާމަކޮށް މިއަދު ވަނީ ނޫސްވެރިންނަށް އެކަމުގެ ތަފްސީލް ހިއްސާކޮށްފައެވެ.
މުއާޒް ވިދާޅުވީ، އެކުންފުނިން ނަގާފައިވާ 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ޕްރޮކިއުމަންޓް އުޞޫލެއް ކުންފުނީގައި އޮތްނަމަވެސް، އެ އުޞޫލާއި ޚިލާފަށް ނުއަގުގައި ކުންފުންޏަށް މުދަލާއި ޚިދުމަތް ހޯދާފައިވުންކަމަށްވެސް މުޢާޒް ވިދާޅުވިއެވެ. ނިމިދިޔަ 2022 ގައި އެކަނިވެސް އެމަރޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، މިއީ ދުރަލާ ރާވާލެވިގެން ކުރިއަށްގެންދިޔަނަމަ ސަލާމަތްކުރެވޭނެ ޚަރަދުތަކެއްކަމަށްވެސް މުއާޒް ވިދާޅުވިއެވެ.
އިމަރޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި ގިނަ ޢަދަދެއްގެ މުދާ ގަނެފައިވާއިރު މީގެތެރޭގައި އެންމެ ގިނައިން ގަނެފައިވަނީ ޖެނެރޭޓަރު ސެޓުތަކާއި ކޭބަލްތަކެވެ. 37.6 ކިލޯމީޓަރުގެ ކޭބަލް ގަތުމަށް 815 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ 2018 ވަނަ އަހަރު ފެނަކައިގައި 2،700 އެއްހާ މުވައްޒަފުން ތިބިނަމަވެސް މި އަހަރު އެ އަދަދު 8،100 އަށް އަރާފައިވާކަމަށެވެ. އަދި އެ މުވައްޒަފުންގެ މުސާރައަށް ކުރިން 20 މިލިއަން ރުފިޔާ ކަރަދުކުރިނަމަވެސް، ފާއިތުވި 5 އަހަރު އެ އަދަދު އެވްރެޖްކޮށް މަހެއްގެ މައްޗަށް 74 މިލިއަން ރުފިޔާއަށް އަރާކަމަށް މުއާޒް ވިދާޅުވިއެވެ. އަދި އެންމެ ފަހުން މުސާރަ ދިން އިރު ވެސް 79 މިލިއަން ރުފިޔާހޭދަކުރަން ޖެހުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއާޒް ވަނީ ކުރީ ސަރުކާރުންނަގާފައިވާ ކޮންޓްރެކްޓް ސްޓާފުންގެ ގޮތުގައި ތިބި 900 އެއްހާ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރަން ނިންމުމުން އެކަނިވެސް ފަސް މިލިއަން ރުފިޔާ، މުސާރައިގެ ޖުމްލަ ހަރަދުން ސަލާމަތް ކުރެވުނުކަމަށެވެ.
މީގެއިތުރުން ޖެނެރޭޓަރު ސެޓުތަކެއް ގަނެ 55 ރަށެއްގައި އެމަރޖެންސީކޮށް މަސައްކަތްކުރިކަން ފެނަކައިން ފާހަގަކުރެއެވެ. އަދި މިއީ ކުންފުންޏަށް ގެއްލުން ބޮޑުކޮށް، ކޮށްފައިވާކަމަކަށްވާއިރު މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ އުޞޫލުތަކުގެ ތެރެއިން ކުރެވޭނެކަމެއްކަމަށް މުއާޒް ވިދާޅުވިއެވެ.