ރައްޓެހިވެގެން 2 އަހަރަށް ވުރެ ގިނަދުވަހު އުޅުމަށް ފަހު، މަޝްހޫރު ނެށުންތެރިޔާ ޕުނީތު ޕާޓަކް އާއި ނިދީ މޯނީ ސިންގް ވަނީ ހުކުރު ދުވަހު ކައިވެނިކޮށްފައެވެ. މި ދެމީހުންގެ ކައިވެނީގެ ފޮޓޯތައް ވަނީ ސޯޝަލްމީޑީޔާގައި ވައިރަލް ވެގެން ގޮސްފައެވެ.
މި ފޮޓޯ ތަކުގައި ނިދީ ލައިގެން ހުރީ ގަދަ ފިޔާތޮށިކުލައިގެ ލެހެންގާއެކެވެ. އަދި ބޭނުންކޮށްފައި ހުރީ އިންޑިޔާގެ ސަގާފީ ގަހަނާއެވެ. ބޮލުގައި ދުޕައްޓާއެއްވެސް އަޅާފައި އޮތެވެ. ޕުނީތް ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ކުރުތާއެކެވެ. އަދި ބޮލުގައި ޓާބަންއެއް ބަދެފައި ހުއްޓެވެ.
ލޮނާވްލާގައި އާއިލާގެ މީހުނާއި، މަދު ބަޔަކު ބައިވެރިވި ކައިވެނީގެ މަޖިލީހުގައި މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިންބާޗިއާ ވަނީ ބައިވެރިވެފައެވެ.
ހޮނިހިރު ދުވަހު ދެމީހުންގެ ކައިވެނީގެ ހަފްލާ ވަނީ ބާއްވާފައެވެ. އަދި މި ހަފްލާގައި ޕުނީތް ލައިގެން ހުރީ ހުދުކުލައިގެ ސޫޓެކެވެ. އަދި ނިދީ ލައިގެން ހުރީ ކުރީމް ކުލައިގެ ހެދުމެކެވެ. މި ހަފްލާގައި އެދެމީހުންގެ އާއިލާގެ އިތުރުން ރައްޓެހިންނާއި ފިލްމު އިންޑަސްޓްރީގެ ބައެއް ފަރާތްތައް ބައިވެރިވި އެވެ. އޭގެތެރޭގައި ޕުނީތުގެ ވަރަށް ގާތް މީހުން ކަމަށްވާ މޯނީ ރޯއީ، ޝަކްތީ މޯހަން އާއި އޭނާގެ ދައްތަ މުކްތީ މޯހަން ފާހަގަކޮށްލެވެއެވެ.
ކައިވެނީގެ އިތުރުން ރިސެޕްޝަންގެ ފޮޓޯތަކާއި ވީޑިއޯތައްވެސް ވަނީ ސޯޝަލްމީޑިޔާގައި ވަރަށް ބާރަށް ފެތުރިގެން ގޮސްފައެވެ. ރިސެޕްޝަންގައި ޕުނީތާއި ނިދީ ވަނީ ވަރަށް ހާއްސަ އައިޓަމެއް ހުށައަޅާފައެވެ. އަދި މޯނީ ރޯއީވެސް ވަނީ ވަރަށް ހިތްގައިމު ނެށުމެއް ހުށައަޅާފައެވެ.
ޕުނީތު ޕާޓަކް އަކީ މަޝްހޫރު ކޮރެއޯގުރަފާއެއް އަދި އެކްޓަރެކެވެ. ޕުނީތް ވަނީ "އޭބީސީޑީ"، "އޭބީސީޑީ2″، "ނަވާބްޒާދޭ" އަދި "ސްޓްރީޓް ޑާންސާ" ފަދަ ފިލްމު ތަކުންފެނިގެން ގޮސްފައެވެ. އަދި 2019 ގައި ޕުނީތް ވަނީ، މަޝްހޫރު ރިއަލިޓީ ޝޯވ ކަމަށްވާ "ކަތްރޯންކީ ކިލާޅީ" ގެ އެއްވަނަ ހޯދާފައެވެ.
މީގެ އިތުރުން "ޑާންސް އިންޑިއާ ޑާންސް" އަދި "ޖަލަކް ދިކްލާޖާ" ފަދަ ސޯވ ތަކަށް ކޮރެއޮގްރާފްކޮށްދީ ސްޓަރ ޕްލަސްގެ "ޑާންސް ޕްލަސް ޝޯވގައި ކެޕްޓަންކަން ނުވަތަ ޑާންސް ކޯޗްކަން ކޮށްދީފައެވެ. ޑާންސް ޕްލަސް ސީޒަން 3 އަދި 4ގެ ވިނިންގ ކެޕްޓަން އަކީ ވެސް ޕުނީތު ޕާޓަކް އެވެ.