ސުނާމީ ކާރިސާއާ ގުޅިގެން ގެނައި ސުކޫތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ސުނާމީ ކާރިސާއާ ގުޅިގެން ގެނައި ސުކޫތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. އެސަރަހައްދުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލެ ސަރަޙައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވިއެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. ދިވެހިންގެ އެއްބައިވަންކަމުގެ ދުވަހާއި ގުޅިގެން ރައީސް ސޯޝަލް މީޑިޔާގައި ވިދާޅުވީ "ގައުމަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައި އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން" މިހެންނެވެ.

ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *