ސަރުކާރު މުވައްޒަފުން މިރޭ ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރަނީ

ސަރުކާރު މުވައްޒަފުން މިރޭ ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރަނީ

ގުޅުންހުރި

މާދަމާ ފާހަގަކުރުމަށް ހަމަޖެހިފައިވާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަތިސް ނަމާދު ބޮޑު ޖަމާއާތުގައި ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ކޮންމެ ވެސް އެއް މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

އެގޮތުން މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ މުވައްޒަފުން މިރޭ ފަތިސް ނަމާދަށް ޖަމާއަތަށް ދިޔުމަށް މިނިސްޓްރީންވަނީ މުވައްޒަފުންނަށް އަންގާފައެވެ.

އެގޮތުން ފަތިސް ނަމާދުގެ ބޮޑު ޖަމާއަތް އޮންނާނީ މާލޭގައި ކިންގް ސަލްމާން މިސްކިތުގައާއި، ހުޅުމާލޭގައި މަސްޖިދުލް އަލްސާނީގައާއި އަދި ވިލިމާލޭގައި މަސްޖިދުލް ބިއްރު މިސްކުތުގައެވެ.

ސަރުކާރުން މިހާރު ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކާއި ސަރުކާރު ކުންފުނިތަކަށް ސާކިއުލާއަކުން އެ މިސްކިތްތަކަށް މުވައްޒަފުން ފަތިސް ނަމާދަށް ފޮނުވުމަށް އަންގާފައެވެ.

ބޮޑު ޖަމާއަތުގައި މިރޭ ފަތިސް ނަމާދު ކުރުމުގެ އިތުރުން، ސަރުކާރުން ހަމަޖައްސާފައި ވަނީ، ސުނާމީ ކާރިސާގައި މަރުވި މީހުންނާއި ގެއްލުންވި މީހުންގެ ހަނދާނުގައި ސުނާމީގެ ރާޅު އެންމެ ފުރަތަމަ އެރިކަމަށް ރެކޯޑް ކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ސްކޫތެއް ގެނައުމަށްވެސް ހަމަޖައްސާފައެވެ.

މިގޮތުން ސަރުކާރު އޮފީސްތަކާއި ސްކޫލް، ކޮލެޖް އަދި ޔުނިވާސިޓީތަކުގެ މުވައްޒަފުން ހެނދުނު 9 ޖަހާއިރު އެ އޮފީހެއްގެ ބޭރަށް ނިކުމެ ސުކޫތުގައި ބައިވެރިވާން ވަނީ އަންގާފައިވާއިރު، ސްކޫތުގެ ކައުންޓްޑައުން ޓީވީ، ރޭޑީއޯ އަދި މާލޭގެ މަގުތަކުގައި ހުންނަ މާ ޓީވީތަކުން ގެނައުމަށް ވަނީ ހަމަޖައްސާފައެވެ.

2004 ވަނަ އަހަރުގެ 26ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމާތުރާއާއި އަންޑަމަންއަށް މިންގަޑުން 9.3ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަށްފަހު އިންޑިއާ ކަނޑުގައި އުފެދުނު ބިޔަ ސުނާމީ، ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް އަރާ، 227,898 މީހުން މަރުވެ، އުމްރާނީ ގޮތުންނާއި އަދި އިގްތުސާދީ ގޮތުންވެސް ގުނާ އަދަދު ނުކުރެވޭހާ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ މި ކާރިސާގައި ދިވެހިންގެ ތެރެއިންވެސް 82 މީހަކު ނިޔާވެ، 26 މީހަކު ގެއްލިފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ