ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑު ފަސޭހަކަމާއެކު ސާފުކުރަން މަޝްވަރާކޮށްފި

ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑު ފަސޭހަކަމާއެކު ސާފުކުރަން މަޝްވަރާކޮށްފި

Author
އަހުމަދު
25 ޑިސެމްބަރ 2023 10:38
0

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑް ފަސޭހަކަމާ އެކު ސާފު ކުރެވޭނެ ގޮތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިސްވެ އޮވެ ކަމާބެހޭ އިދާރާތަކާ އެކުގައި މިއަދު މަޝްވަރާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުންގެ ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ފަސޭހަކަމާއި އިތުބާރާއި ޔަގީންކަމާއެކު ސާފު ކުރުމަށްޓަކައި އީސީން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިސް ބޭފުޅުންނާއެކު މިއަދު އިލެކްޝަންސް ކޮމިޝަނުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މަޝްވަރާތަކުގައި، ހާއްސަ ގޮތެއްގައި، ދަރަނީގެ ރެކޯޑް ސާފުކުރާ އިރު، އެ ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަމުންދޭތޯ ނުވަތަ ނޫންތޯ އާއި ދަރަންޏެއް އޮތްނަމަ، އެ ދަރަނި ހުކުމާ އެއްގޮތަށް ދައްކަންޖެހޭ ތަނަކަށް ދައްކަމުންދާކަން އެކަން ރައްދުވާ ފަރާތަކުން ޔަގީންކުރުމުގެ މުހިންމު ކަމާމެދު މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދުރާލައި ދަރަނީގެ ރެކޯޑް ސާފުކުރުމަށް ކުރެވިދާނެ ކަންކަމާމެދުގައިވެސް މަޝްވަރާކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިހާބު ބާއްވާނެ ވަކި ތާރީހެއް ކަނޑައަޅާފައިނުވާއިރު، ސިޔާސީ އެކިއެކި ޕާޓީތަކުން އަންނަނީ މި އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ޕްރައިމަރީ ބާއްވާނެ ތާރީހުތައް ކަނޑައަޅައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.